ބްރެޒީލްގެ ރައީސްކަމަށް ޑިލްމާ ރޫސެފް އިންތިޚާބުވެ ވަޑައިގެންނެވުމާ ގުޅިގެން، އެކަމަނާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހްނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ބްރެޒީލްގައި ބޭއްވުނު ރިޔާސީ އިންތިޚާބުގައި، އެކަމަނާއަށް ލިބިވަޑައިގެންނެވި ތާރީޚީ ކާމިޔާބީއަށްޓަކައި މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި އެކަމަނާގެ ރިޔާސަތުގައި، ބްރެޒީލަށް އިތުރު ތަރައްޤީއާއި، އެ ޤައުމުގައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކުރައްވާ މަސައްކަތަށް އިތުރު ކުރިއެރުން ލިބިގެންދާނެކަމަށް ގަބޫލުފުޅު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖެއާއި ބްރެޒީލްއާ ދެޤައުމުގެ ދެމެދުގައިވާ ރަޙްމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރައްވައި، ޚާއްޞަގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކާބެހޭ މައްސަލަތައް ފަދަ މައްސަލަތަކުގައި އެކަމާނާއާއެކު މަސައްކަތް ކުރެއްވުމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.

ޑިލްމާ ރޫސެފްއަކީ، ބްރެޒީލްގެ ރައީސްކަމަށް އިންތިޚާބު ވެވަޑައިގެންނެވި ފުރަތަމަ އަންހެން ބޭފުޅާއެވެ.