ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) އާއި ވާދަވެރި ޑީ.އާރު.ޕީ އަދި އެޕާޓީއާ އިއްތިހާދުވެފައިވާ ޕާޓީތަކުގެ މެދުގައި ދެކެވެމުންދާ ވާހަކަތަކުން ނުކުންނަ ނަތީޖާއަކަށް ފުރިހަމައަށް ޢަމަލު ކުރައްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރެއްވީ، ވަކިނިޒާމަކަށް ރައީސުލްޖުމްހޫރިއްޔާ ބުރަވެވަޑައިގަންނަވާ ކަމުގައި ނޫސް ޚަބަރެއްގައި ރިޕޯޓްކޮށްފައިވާތީ، އެކަން އޮތީ ކޮންމެހެން އެގޮތަކަށް ނޫންކަން ފާހަގަކުރައްވައި، މިވާހަކަތަކުގައި ބައިވެރިވެވަޑައިގަންނަވާ އެމް.ޑީ.ޕީ.ގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާ މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.

މިދެންނެވި ނޫސް ރިޕޯޓް ބިނާކުރައްވާފައިވަނީ، ރާއްޖޭގެ ސިޔާސީ މަސްރަޙާމެދު ކަންތައްތައް ސާފުކޮށްދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ބައެއް ވިދާޅުވުމަށް ކަމަށް ވިދާޅުވެ، ނަމަވެސް ވާދަވެރި ސިޔާސީ ޕާޓީތަކުގެ މެދުގައި މިހާރު ދެކެވެމުންދާ ވާހަކަތަކުގައި، ވަކިނިޒާމަކަށް ބުރަވެވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ނުވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.