14 ޖުލައި 2010ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 18 ވަނަ ޖަލްސާއިން ފާސްކުރެއްވި "ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފް ޢަމަލުތައް ހުއްޓުވުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މިޤާނޫނަކީ މުޖްތަމަޢުގައި ހިމެނޭ ބައެއް ފަރުދުންގެ ޢަމަލުތަކުގެ ސަބަބުން އުފެދޭ ބިރުވެރިކަމާއި، ހާސްކަމާއި، ނުތަނަވަސްކަމުން މުޖްތަމަޢުގެ އެހެން ފަރުދުންނާއި މުޅި މުޖްތަމަޢު ސަލާމަތްކޮށްދިނުމުގެ ގޮތުން، ވަކި ބާވަތްތަކެއްގެ ޢަމަލުތަކަކީ ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތަކެއް ކަމުގައި ކަނޑައަޅައި، އެފަދަ ޢަމަލުތައް ކުރާ މީހުން، އެފަދަ ޢަމަލުތައް ކުރުން ހުއްޓުވުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ ބޭނުމަކީ، މި ދަންނަވާ މަޤްޞަދުތައް ޙާޞިލް ކުރުމެވެ.

(ހ) ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުން.
(ށ) ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހިންގާ ފަރާތްތަކާމެދު އެޅޭނެ ފިޔަވަޅުތައް ކަނޑައެޅުން.
(ނ) ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަ ބާރުތަކެއް ދިނުން.
(ރ) ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ކުރާ ކުޑަކުދިންގެ ބެލެނިވެރިން ޒިންމާދާރުކުރުވުން.

މި ޤާނޫނުގެ ދަށުން ޢާންމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ކަމުގައި ކަނޑައަޅާފައިވާ ޢަމަލުތައް ބެހިގެންވަނީ 3 ބަޔަކަށެވެ. އެއީ، މަގުމަތީގައި އަދި ޢާންމު ތަންތާނގައި ހިންގާ ޢަމަލާއި، ތިމާވެށްޓާގުޅޭ ޢަމަލާއި، ގޯތިގޯއްޗާއި ކުއްޔަށްދޭ ތަންތަނާގުޅޭ ޢަމަލެވެ.