ވަޒީރުންގެ މަޖިލީހުގެ ގަވާއިދާ ބެހޭގޮތުން އެމަޖިލީހުގައި މިއަދު މަޝްވަރާ ކުރައްވަން ފަށްޓަވައި، އެގަވާއިދުގައި ހިމެނޭ ވަޒީރުންގެ މަޖިލިސް ރައްޔިތުންގެ މަޖިލީހާ މުޢާމަލާތު ކުރާނެ ގޮތުގެ މާއްދާ ފާސްކުރައްވައިފިއެވެ. އެ މާއްދާއަކީ ވަޒީރުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި ޖަވާބުދާރީވުމުގެ މާއްދާއެވެ.

މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މެންބަރުން މަޝްވަރާ ކުރައްވަން މިފެށްޓެވި ގަވާއިދަކީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކެބިނެޓް އޮފީހުން އެކުލަވައިލައްވާފައިވާ ގަވާއިދެކެވެ. މިގަވާއިދު އެކުލަވައިލެއްވުމުގައި، އަސާސްތަކެއް ކަމަށް ބައްލަވާފައިވަނީ، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އާއި، ޤާނޫނުއަސާސީގެ 5 ވަނަ ބާބު "ވަޒީރުންގެ މަޖިލިސް" މިބާބުގެ މާއްދާތަކުގެ ދަށުން ކުރެވޭ ވަޒީރުންގެ ހުވައާއި، ހުވާކުރުމަށްފަހު ވަޒީރުން ސޮއިކުރައްވާ ހުވާގެ އިޤްރާރާއި، ވަޒީރުންގެ މަޖިލީހުގެ ކަންތައްތައް ހިންގުމާއި ބެލެހެއްޓުމާ ގުޅޭގޮތުން މިހާތަނަށް ޢަމަލު ކުރައްވަމުން ގެންދަވާފައިވާ އުޞޫލުތަކަށެވެ.

ވަޒީރުން، ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމާއި ޖަވާބުދާރީވުމާގުޅޭ މާއްދާ ވަޒީރުންގެ މަޖިލީހުން ފާސްކުރައްވާފައިވަނީ މި ދަންނަވާ ގޮތަށެވެ.


(ހ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާންވާނީ، ހާޒިރުވުމަށް އަންގާ އެންގުމުގައި ޤާނޫނުއަސާސީން އެކަމަށް ބާރުލިބިދޭ މާއްދާ ބަޔާންކޮށްފައި ވާނަމައެވެ. އަދި، ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާންވާނީ "ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު"ގައި ބަޔާންކޮށްފައިވާ ފަދައިން މަޖިލީހުގެ ޖަލްސާއެއްގައެވެ.
(ށ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު، ރަސްމީ ގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުން ސުވާލު ކުރުމުން، އެ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ކެބިނެޓް ސެކްރެޓެރީ މެދުވެރިކޮށް، ރައީސުލްޖުމްހޫރިއްޔާއަށް އަންގަންވާނެއެވެ.

(ނ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކު، ރަސްމީ ގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާމެދު ރައްޔިތުންގެ މަޖިލީހުން ސުވާލު ކުރުމުން ޖަވާބުދޭންވާނީ "ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު"ގެ 2 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ކުރެވޭ ސުވާލަށެވެ.

(ރ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ، ރައްޔިތުންގެ މަޖިލީހުން ސުވާލު ކުރުމުން ޖަވާބުދޭންވާނީ "ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު"ގެ 3 ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، 14 ދުވަހުގެ ނޯޓިސް ލިބުމުންނެވެ.

(ބ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ، ރައްޔިތުންގެ މަޖިލީހުން ސުވާލު ކުރުމުން ޖަވާބުދޭންވާނީ "ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު"ގެ 5 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، ވަޒީރުން ޖަވާބު ދިނުން ލާޒިމު ސުވާލު ތަކަށެވެ.

(ޅ) ވަޒީރުންގެ މަޖިލީހުގެ މެންބަރަކާ، ރައްޔިތުންގެ މަޖިލީހުން ސުވާލު ކުރުމުން އަނގަބަހުންނާއި ލިޔުމުން ޖަވާބުދޭންވާނީ، "ވަޒީރުންނާ ސުވާލުކުރުމުގެ ޤާނޫނު"ގެ 7 ވަނަ ނަންބަރާއި 8 ވަނަ ނަންބަރުގައިވާ ގޮތުގެމަތީންނެވެ.

(ކ) ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، އެ މެންބަރުންގެ މަސްއޫލިއްޔަތު ނަގަންޖެހޭ މުވައްޒަފުން މަގާމުގެ ޙައިޘިއްޔަތުން ޖަވާބުދާރީވުމަށް ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާންވާނީ، ޤާނޫނުއަސާސީގެ 98 ވަނަ މާއްދާގެ ދަށުން ހާޒިރުވުމަށް އަންގާފައިވާ ނަމައެވެ. އަދި ޤާނޫނުއަސާސީގެ 98 ވަނަ މާއްދާ ފިޔަވާ އެހެން މާއްދާއެއްގެ ދަށުން ރަސްމީ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެގެން ނުވާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ރަސްމީގޮތުން ކުރާ ނުވަތަ ހިންގާ ކަމަކާމެދު ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވާންވާނީ ޤާނޫނުއަސާސީގެ 140 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ މަސްވެރިކަން ކުރުން މަނާކުރައްވާފައިވުމާއި، އަދި މިއަހަރުގެ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިޔަރުގެ އެއްވެސް ބާވަތެއްގެ ވިޔަފާރި ކުރުން ނުވަތަ އެކްސްޕޯޓް ކުރުން މަނާކުރައްވާފައިވާތީ، މިކަން މަނާކުރެއްވިއިރު، މިޔަރުގެ މަސްވެރިކަން ކުރަމުންދާ ކަމަށް ފާހަގަކުރެއްވިފައިވާ ފަރާތްތަކަށް އިޤްތިޞާދީ އެހެން މަސައްކަތެއް ކުރުމަށް ނުވަތަ އާމްދަނީއެއް ލިބޭނެ ގޮތެއް ހޯދުމަށް މަގުފަހިކޮށްދެއްވުމަށް ނިންމެވިއެވެ. މިކަން ނިންމެވީ މިޔަރުގެ މަސްވެރިކަން ކުރަމުންދިޔަ މީހުންނަށް ލިބުނު ގެއްލުމަށް ބަދަލެއް ދެއްވުމުގެ ގޮތުންނެވެ. މިކަމާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ވާހަކަފުޅު ދެއްކެވުމަށްފަހު، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީއާއި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ، މި ތިން މިނިސްޓްރީ ބައްދަލުކުރައްވައި، ބަދަލުދެއްވާނެ އުޞޫލެއް ކަނޑައަޅުއްވައި، ވަރަށް އަވަހަށް އިޢްލާނު ކުރެއްވުމަށް ނިންމެވިއެވެ.