ހުޅުމާލޭ ހޮސްޕިޓަލުގެ އައި.ސީ.ޔޫ.ގެ ޚިދްމަތް ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ. މިކަން އިފްތިތާޙްކޮށްދެއްވުމަށް މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލުގައި ބޭއްވެވި ޖަލްސާގައި، ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ހުޅުމާލޭ ހޮސްޕިޓަލުގައި އައި.ސީ.ޔޫ ގެ ޚިދްމަތް ފެށުނުކަން އެއީ، ހާލުބޮޑު ބަލިމީހުންނަށް އަވަސް ފަރުވާ ދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ހުޅުމާލެއިން ހާލުބޮޑުވާ ބަލި މީހުން މާލެ ނުގެންގޮސް، ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖެހިފައިވުމަކީ، ލިބުނު ވަރަށް ބޮޑު ފަސޭހައެއްކަމަށް ވިދާޅުވިއެވެ. އަދި އައި.ސީ.ޔޫ.އަށް ވެދެއްވި އެހީއަށްޓަކައި ޕާކިސްތާނު ސަރުކާރަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އައި.ސީ.ޔޫގެ މަސައްކަތް ކާމިޔާބު ކުރެއްވީތީ، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ އަށާއި، ހެލްތް ކޯޕަރޭޝަންގެ ބޭފުޅުންނަށްވެސް ނައިބު ރައީސް ޝުކުރުއަދާކުރެއްވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، އެކިއެކި މާރާމާރީގެ ހާދިސާތަކުގައި ޒަޚަމްވެގެން ގެންނަ ގިނަ އަދަދެއްގެ ކުދިން އައި.ސީ.ޔޫ.އަށް ލާން އެބަޖެހޭކަންވެސް ފާހަގަކުރެއްވިއެވެ. މި ރޮނގުން ނައިބު ރައީސް ވާހަކަފުޅު ދައްކަވަމުން، މާލެތެރޭގައި މިހާރު ހިނގަމުންދާ އެކިއެކި ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވަމުން، އަޅުގަނޑުމެންގެ ރަށްތަކަކީ، އަދި އަވަށްތަކަކީ، ރައްކާތެރި އަމާންތަންތަންކަމުގައި ހެދުމަށް އެންމެ ގުޅިގެން މަސައްކަތްނުކޮށް ވާކަށް ނެތްކަމުގައި ވިދާޅުވިއެވެ. އެއްބަޔަކު އަނެއްބަޔަކަށް އިނގިލި ދިއްކޮށް އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އިލްޒާމް އެޅުވުމުގެ ބަދަލުގައި އެކީގައި މަސައްކަތްކުރަން ހިތްވަރު ކުރަންވެއްޖެކަމަށް ވިދާޅުވިއެވެ. އަދި ނައިބު ރައީސްގެ ޙައިޘިއްޔަތުން ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް މިކަމުގައި ކުރައްވަމުން ގެންދަވާކަން ހާމަކުރައްވަމުން، އެގޮތުން މިހާރު ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އެ މަސައްކަތްތަކުގެ ތެރޭގައި، ކުށްމަދުކުރުމާ ގުޅޭގޮތުން އުފެދިފައިވާ ކެބިނެޓްގެ ސަބްކޮމިޓީގެ ބެއްލެވުމުގެ ދަށުން ކުރެވޭ މަސައްކަތްތައް ހިމެނޭކަން އެމަނިކުފާނު ބަޔާންކުރެއްވިއެވެ. އެގޮތުން ކުރެވޭ އެއްކަމަކީ، ކުށްވެރިން މާލެތެރޭގައި ގިނަވިޔަ ނުދިނުމަށް، ޖަލުގެ ހާލަތު މިހާރަށްވުރެ ރަނގަޅު ކުރުމަށްޓަކައި ކުރެވޭ މަސައްކަތްކަން ހާމަކުރައްވަމުން، މި ވޭތުވެދިޔަ ދެމަހެއްހާ ދުވަހުގެ ތެރޭގައި ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރެވިފައިވާ ކަމަށާއި، ޖަލުގެ ހަލާކުވެފައިވާ ބައެއް ޢިމާރާތްތައް މަރާމާތު ކުރުމާއި، އަދި އަލަށް އިމާރާތްކުރާ ބައެއް ތަންތަން ނިންމުމުގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑެއްގައި ގެންގޮސް ނިމިފައިވާކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންނާ ގުޅިގެން ޖަލުގެ އެކި އެކި އިންތިޒާމްތައް ރަނގަޅު ކުރުމަށްޓަކައި މިހާރުވެސް ޕްރޮގްރާމްތަކެއް ހިންގަވަމުން އެބަ ގެންދަވާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

މާރާމާރީ ހިންގާ މީސްމީހުން ބަންދުކޮށްފައި ބޭތިއްބުމަކީ، ވަރަށް މުހިންމު ކަމެއް ކަން ނައިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރައްވަމުން، އެކަން އެގޮތަށް ކުރުމަށް ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވިއެވެ. އަދި ވާހަކަދައްކައި ގުޅުން ބަދަހިކޮށް، މިހާރަށްވުރެ ބޮޑަށް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން މަސައްކަތް ކުރުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، އެ ފަރާތްތައް އެއްމޭޒެއްގެ ދޮށަށް ގެންނަވައި މިހާރަށްވުރެ ބޮޑަށް އެކުވެރިކަމާއެކީގައި، މިކަންތައްތައް ހަރުދަނާކަމާއެކީގައި ގެންދެވުމަށް ﷲގެ އިރާދަފުޅާއެކު ވަރަށް އަވަހަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.