ރާއްޖެއަށް ކުރިމަތިވެފައިވާ ސިޔާސީ މައްސަލަތައް ޙައްލުކުރެއްވުމަށް ވާދަވެރި ޕާޓީތަކުގެ މެދުގައި މިހާރު ހިނގަމުންދާ މަޝްވަރާތަކަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މަރުޙަބާ ވިދާޅުވެއްޖެއެވެ.

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ން ވަނީ ދެފަހަރެއްގެ މަތިން ވާދަވެރި ޕާޓީތަކާއެކު މަޝްވަރާތަކެއް ބާއްވާފައެވެ.

މި މަޝްވަރާތަކާމެދު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ "ކުރިއަށް މިދާ މަޝްވަރާތަކަށް އަޅުގަނޑު ވަރަށް ބޮޑަށް މަރުޙަބާ ކިޔަން. އަދި މިކަންކަމުން ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމާމެދު އަޅުގަނޑު ދެކެނީ ފަހި ނަޒަރަކުން".

"މި ޤައުމު ކާމިޔާބީ ހޯދާތަން ދެކެވަޑައިގަންނަވަން ބޭނުންފުޅުވާ، ހެޔޮ ގޮތްގޮތަށް ވިސްނަވާ ބޭފުޅުން ހުރިހާ ޕާޓީއެއްގައިވެސް އެބަތިއްބެވި. އަޅުގަނޑަށް ފެންނަ ފެނުމުގައި މި ފަދަ ބޭފުޅުންގެ އަޑު ތަންކޮޅެއް ބޮޑަށް އިވެން އެބަޖެހޭ. އަދި، ކުރީގެ ޚުދުމުހުތާރު ގޮތްތަކަށް ބަދަލުވެވަޑައިގަންނަވަން ބޭނުންފުޅުވާ ބޭފުޅުންގެ ކުރިއަށް މިދެންނެވި ހެޔޮކޮށްވިސްނަވާ ބޭފުޅުން ފިޔަވަޅު އަޅުއްވަން ވެއްޖެ" ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމް.ޑީ.ޕީ.އާއެކު މަޝްވަރާކުރަމުންގެންދާ އެންމެ ބޮޑު ވާދަވެރި ޕާޓީ ކަމުގައިވާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީ.އާރު.ޕީ.)އިން މިވާހަކަތަކުގައި އިސްކޮށް ހުންނެވީ އެ ޕާޓީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީއެވެ.

ޑީ.އާރު.ޕީ.އާއެކު އިއްތިހާދުވެފައިވާ ޢަބްދުﷲ ޔާމީން އިސްކޮށް ހުންނަވާ ޕީޕަލްސް އެލައަންސްއާއި، ޤާސިމް އިބްރާޙިމް އިސްކޮށް ހުންނަވާ ޖުމްހޫރީ ޕާޓީއާއި، ޑޮކްޓަރ ޙަސަން ސަޢީދު އިސްކޮށް ހުންނަވާ ދިވެހި ޤައުމީ ޕާޓިންވެސް މި މަޝްވަރާތަކުގައި ބައިވެރިވެއެވެ.