މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ފަންސާސްހާސް އަކަފޫޓްގެ ބިން ވިއްކެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުގެ ބިން ތަރައްޤީ ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

މިކަމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު ނިންމެވީ، މާލޭ ހުޅަނގު ދެކުނު ހާބަރު ސަރަޙައްދުން ދެހާސް އަކަފޫޓްގެ ފަސް ބިމާއި، ފަސްހާސް އަކަފޫޓްގެ ތިން ބިމާއި، ހަތްހާސް ފައްސަތޭކަ އަކަފޫޓްގެ ދެ ބިމާއި، ދިހަހާސް އަކަފޫޓްގެ އެއް ބިން، އެންމެމަތީ އަގެއް ހުށަހަޅާ ފަރާތަކަށް ނީލަމުގައި ވިއްކެވުމަށެވެ. ބިން ވިއްކައިގެން ލިބޭ ފައިސާއިން މާލޭ ހުޅަނގު ދެކުނު ހާބަރުގެ މުޅި ސަރަޙައްދު އެކީގައި ތަރައްޤީ ކުރައްވައި، އެ ސަރަޙައްދުގައި އެކިއެކި ބޭނުންތަކަށް ބޭނުންކުރުމަށް ޢިމާރާތްތައް ބިނާކުރައްވައި، ކުއްޔަށް ދެއްވައިގެން އާމްދަނީ ލިބޭނެގޮތް ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ. އަދި އަންނަ މިނިވަންދުވަހު މިކަން އިޢްލާނު ކުރައްވައި، މިކަމާބެހޭ އިތުރު ތަފްޞީލުތައް ހާމަކުރެއްވުމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ދިވެހިރާއްޖޭގެ އެކްސްޓެންޑަރޑް ކޮންޓިނެންޓަލް ޝެލްފްގެ ސަރަޙައްދު، އ.ދ. އަށް ހުށަހެޅުއްވުމާ ބެހޭގޮތުންވެސް މެންބަރުން ވާހަކަފުޅު ދެއްކެވިއެވެ. މިކަމާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށްފަހު، ރާއްޖޭގެ އާކިޕެލާޖިކް ބޭސްލައިނުން ފެށިގެން ދުއިސައްތަ ނޯޓިކަލް މޭލަށްވުރެ ދުރަށް ރާއްޖޭގެ ކޮންޓިނެންޓަލް ޝެލްފް ދެމިގެންދާނަމަ، ކޮންޓިނެންޓަލް ޝެލްފް ހިމެނޭ ކަނޑުގެ ސަރަޙައްދު ދެނެގަނެ، އެއާބެހޭ މަޢްލޫމާތު، އ.ދ. އަށް ހުށަހެޅުއްވުމަށް ނިންމެވިއެވެ.