އެޓަރނީ ޖެނެރަލްގެ އޮފީހުގެ ދަށުން ހިނގަމުންދާ ޖުވެނައިލް ޖަސްޓިސް ޔުނިޓަކީ، މިއަދުން ފެށިގެން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ދަށުން ހިނގަމުންދާ އޮފީހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އަދި، ޤާނޫނާއި ގަވާއިދާ ޚިލާފުވާ 18 އަހަރުން ދަށުގެ ކުދިން އަނބުރާ މުޖްތަމަޢަށް ގެނައުމާ ގުޅޭގޮތުން މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދާ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއިން ކުރައްވަމުން ގެންދަވާ މަސައްކަތްތައް، މިއަދުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ކުރައްވަމުން ގެންދަވާ ގޮތަށް ހަމަޖައްސަވައި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކ. ފޭދޫފިނޮޅުގައި ޤާއިމް ކުރައްވާފައިވާ ކަރެކްޝަނަލް ޓްރޭނިންގ ސެންޓަރ ފޮރ ޗިލްޑްރަން، މިއަދުން ފެށިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓުން ބަލަހައްޓަވަމުން ގެންދަވާ ތަނެއްގެ ގޮތުގައިވެސް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ހަމަޖެއްސެވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާ އެކުގައެވެ.

މިގޮތަށް މި ބަދަލު ގެންނެވީ، ކުޑަކުދިންނާބެހޭ ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި މިވަގުތު ހުރި ދަތިތައް ޙައްލު ކުރައްވައި، ކުށްކުރާ ކުޑަކުދިން ޙުކުމް ތަންފީޛު ކުރަމުންދާ މަރްޙަލާތައް މިހާރަށްވުރެ ހަރުދަނާ ގޮތަކަށް ބައްޓަން ކުރެއްވުމަށާއި، އަދި، ކުށްކުރާ ކުޑަކުދިން އަނބުރާ މުޖުތަމަޢަށް ގެނައުމާ ގުޅޭގޮތުން ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް މިހާރަށްވުރެ ހަރުދަނާ ކުރައްވައި، މިކަންކަމާބެހޭ މަސައްކަތްތައް ސަރުކާރުގެ އެއްއިދާރާއަކުން ކުރެއްވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްޓަކައެވެ.