22 ޖޫން 2010ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ 2010 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 8 ވަނަ ޖަލްސާއިން ފާސްކުރެއްވި "ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިއަދު ތަޞްދީޤު ކުރައްވައިފިއެވެ. ތަޞްދީޤު ކުރެއްވުމާ ގުޅިގެން، މި ޤާނޫނު ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިޢު ކުރައްވައިފިއެވެ.

މި ޤާނޫނަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ބެހޭގޮތުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 17 ވަނަ މާއްދާއާއި 35 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެމަތިން އެންމެހައި އަސާސީ ޙައްޤުތަކާއި މިނިވަންކަން އެއްވެސް ތަފާތުކުރުމެއްނެތި ލިއްބައިދިނުމާއި، އެ ޙައްޤުތަކާއި މިނިވަންކަން ރައްކާތެރިކޮށް ޙިމާޔަތް ކުރުމާއި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައެޅުމާއި، އެހެން މީހުންނާ ހަމަހަމަ ފުރްޞަތުތައް ހޯދައިދިނުމާއި، އެފަދަ މީހުންނަށް ލިބިދޭންޖެހޭ ޚާއްޞަ ރައްކާތެރިކަމާއި، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގެންގުޅެންޖެހޭ އުޞޫލުތަކާއި، ހަމަތައް ކަނޑައަޅައި ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނާއި މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުތައް ހެދުމާއި، މާނަކުރުމާއި ތަންފީޛުކުރުމުގައި، މި ދަންނަވާ މަޤްޞަދުތައް ޙާޞިލް ކުރުމަށް މަސައްކަތް ކުރަންވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

(ހ) އެހެން މީހުންނެކޭ އެއްފަދައިން ނުކުޅެދުންތެރިކަން ހުންނަ މީހުންގެވެސް ކަރާމާތަށް އިޙްތިރާމް ކުރުމާއި، އަމިއްލައަށް ކަންތައްތައް ނިންމުމުގެ އިޚްތިޔާރު ލިބިދިނުމާއި، މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރްޞަތު ލިބިދިނުން.

(ށ) ނުކުޅެދުންތެރިކަމަށް ބިނާކޮށް ތަފާތުނުކުރުން.

(ނ) ނުކުޅެދުންތެރިކަން ހުންނަ މީހުން ފުރިހަމަ އަދި ފައިދާހުރި ގޮތެއްގައި މުޖްތަމަޢުގައި ހިމެނުމާއި ބައިވެރިކުރުން.

(ރ) ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހަމަހަމަކަމާއެކު ފުރްޞަތުތައް ލިބިދިނުން.

އެހެން މީހުންނެކޭ އެއްފަދައިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ފުރިހަމަ މިނިވަންކަމާއެކު ދިރިއުޅުމާއި، ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި އެންމެ ފުރިހަމައަށް ބައިވެރިވުމުގެ ޙައްޤު ހޯދައިދީ، އެކަމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، ޢިމާރާތްތަކާއި، މަގުތަކާއި، ދަތުރުފަތުރުގެ ވަސީލަތްތަކާއި، މަޢްލޫމާތާއި، މުއާޞަލާތީ ވަސީލަތްތަކާއި، މިނޫންވެސް ޢާންމުންނަށް ލިބިދޭ ނުވަތަ ޢާންމުންނަށް ހުޅުވައިލެވިފައިވާ ވަސީލަތްތަކާއި ޚިދްމަތްތައް ފަސޭހައިން ބޭނުންކުރެވެންވާނެ ކަމަށް ނުވަތަ ލިބިދޭންވާނެ ކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

މި ޤާނޫނުގައިވާ ގޮތުން، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި [ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް]ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ ކައުންސިލެއް އުފައްދަވަން ޖެހެއެވެ. ކައުންސިލްގެ މައިގަނޑު މަޤްޞަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާ ގުޅޭގޮތުން އެކަށައަޅާ ސިޔާސަތުތައް ތަންފީޛުވަމުންދާ މިންވަރު ބަލައި، އެކަންކަން ހިންގުވުމެވެ.

ނުކުޅެދުންތެރިކަން ހުންނަ އެއްވެސް މީހަކީ، ޒާތީ ދިރިއުޅުމަށް، ޢާއިލާއަށް، ގޮވަތި ގެދޮރަށް އަދި އަނެކުންނާ ކުރާ މުޢާމަލާތުތަކަށް ނުޙައްޤު ނުވަތަ ޤާނޫނާ ޚިލާފު ނުފޫޒު ނުފޯރުވޭ އަދި އެމީހެއްގެ ޢިއްޒަތަށާއި ޤަދަރަށް ޤާނޫނާ ޚިލާފު ޙަމަލާތައް ކުރިމަތިވާ މީހަކަށް ވެގެން ނުވާނެކަމަށް މި ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އަދި މިފަދަ ނުފޫޒާއި ޙަމަލާތަކުން ސަލާމަތްވުމަށް ޤާނޫނީ ޙިމާޔަތް ހޯދުމުގެ ޙައްޤު ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށްވެސް މި ޤާނޫނުގައި ބުނެފައިވެއެވެ.

މި ޤާނޫނުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޒާތީ، ޞިއްޙީ އަދި އެހެނިހެން ފަރުވާތަކާބެހޭ މަޢުލޫމާތުވެސް އެހެން މީހުންނެކޭ އެއްފަދައިން ސިއްރުކޮށް ރައްކާތެރިކުރަންވާނެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް، އެހެން މީހުންނެކޭ އެއްފަދައިން އެމީހަކު އިޚްތިޔާރުކުރާ ވަޒީފާއެއް އަދާކުރުމުގެ ނުވަތަ މަސައްކަތެއް ކުރުމުގެ، އަދި ވަޒީފާގެ މައިދާނުގައި ހަމަހަމަ ފުރްޞަތުތަކެއް ލިބިދިނުމުގެ ޙައްޤު ލިބިގެންވެއެވެ. ވަޒީފާއެއް ދިނުމުގައި، ނުވަތަ މަސައްކަތުގެ މާޙައުލުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު އެމީހުންނަށް ކުރިމަތިވެފައިވާ ނުކުޅެދުންތެރިކަމުގެ ސަބަބުން އެއްވެސް ފަރާތަކުން އެމީހުންނާމެދު ތަފާތުކުރުންތަކެއް ގެންގުޅުމަކީ މަނާކަމެކެވެ.