ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ސްރީލަންކާގެ މިނިސްޓަރ އޮފް އެކްސްޓަރނަލް އެފެއާޒް ޕްރޮފެސަރ ޖީ.އެލް. ޕީރިސްއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާތައް ބިނާކުރެއްވީ، ދެޤައުމުގެ ދެމެދުގައި އިޤްތިޞާދީ ދާއިރާއިން، ވަކިން ޚާއްޞަކޮށް ދަތުރުފަތުރުކުރުމުގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމާބެހޭގޮތުންނެވެ.

ރާއްޖޭގެ ސިޔާސީ ހާލަތު މިހާރު އޮތް ގޮތާ ބެހޭގޮތުން މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ، އެކްސްޓަރނަލް މިނިސްޓަރަށް މަޢްލޫމާތު ދެއްވިއެވެ.

ސްރީލަންކާގެ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި މިހާރު ދިމާވެފައިމިވާ ސިޔާސީ މައްސަލަ ޙައްލުކުރެއްވުމަށް ސްރީލަންކާ ސަރުކާރުން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ވެދެއްވުމަށް ތައްޔާރަށް ތިއްބެވި ކަމުގައި ވިދާޅުވިއެވެ.

މ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމް ބައިވެރިވެވަޑައިގެންނެވިއެވެ.