އިޖްތިމާޢީ ބަލިމަޑުކަމުން އަޅުގަނޑުމެންގެ މި ރާއްޖެ ސަލާމަތްކުރަން ޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އެމެރިކާގެ 234ވަނަ މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހޮލިޑޭ އިން ހޮޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ރާއްޖޭގައި އުފެދުނު އެންމެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު ރާއްޖޭގެ ވެރިކަމާ ހަވާލުވީ ހަމަ ނަމެއްގައި ވެރިކަން ހިންގުމަށް ނޫން ކަމަށާއި، އެހެންނަމަވެސް ރައްޔިތުން ހަވާލުކުރައްވާފައިވާ މަސްއޫލިއްޔަތު ރަނގަޅު ގޮތުގައި އަދާކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވަނީ ރާއްޖޭގައި ހެޔޮވެރިކަމެއް ހިންގުމަށް ކަމަށްވުމާއެކު، ކުރިމަތިވާ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި ކަމުގައިވިޔަސް މިކަން ކުރަންޖެހިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރާއްޖެއަށް މިހާރު ކުރިމަތިވެފައިމިވަނީ މިރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އެއްގޮންޖެހުންކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި، އެހެންނަމަވެސް މިކަމުންވެސް އަވަހަށް އަރައިގަނެވޭނެކަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މިޒް ޕެޓްރީޝިއާ ބުޓެނިސްވެސް ވާހަކަފުޅު ދެއްކެވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި ރާއްޖެއާ ދެމެދު އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.

މިޒް ބުޓެނިސް ވިދާޅުވިގޮތުގައި، އެމެރިކާއާއި ރާއްޖެއާ ދެޤައުމަށްވެސް ޑިމޮކްރަސީ ގެނައުމަށް ކުރެވުނު މަސައްކަތުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށާއި، ދެޤައުމަކީވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ދެޤައުމު ކަމުގައި ވިދާޅުވިއެވެ. އަދި މި ކަމުގައި ރާއްޖެއިން ކުރިއެރުން ތަކެއް ރާއްޖެއިން ހޯދާފައިވާކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.