އެމެރިކާގެ ސެނެޓަރ ރޮބަރޓް ބާރޑް އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާގެ ރައީސް ބަރަކް އޮބާމާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް އޮބާމާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖްގައި، ސެނެޓަރ ބާރޑް އެމެރިކާގެ ޤައުމީ ޚިދުމަތުގައި ހޭދަ ކުރައްވާފައިވާ ތާރީޚީ 60 އަހަރު އެމެރިކާގެ ރައްޔިތުން އަބަދުވެސް ހަނދާން ކުރާނެ ކަމުގައި ވިދާޅުވެފައިވެއެވެ. އަދި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅުގައި، ރައީސް ބަރަކް އޮބާމާއަށާއި، އެމެރިކާގެ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ސެނެޓަރ ބާރޑްގެ އާއިލާއަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.