ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ސިންގަޕޫރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ސިންގަޕޫރުގެ ރައީސް މިސްޓަރ އެސް.އާރު ނާދަނާ އަދި ބޮޑުވަޒީރު ލީ ސިއެން ލޫންގއާ ބައްދަލުކުރައްވައި ސިންގަޕޫރާއި ދިވެހިރާއްޖެއާ ދެމެދުގައި އޮންނަ ގާތް ރަޙްމަތްތެރިކަމުގެ ގުޅުމާއި މިގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ސިންގަޕޫރުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެކިއެކި އެހީތަކަށްޓަކައި ސިންގަޕޫރުގެ ރައީސަށާއި ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި، ސިންގަޕޫރުގެ ބޮޑުވަޒީރު މިއަދު މެންދުރު ރަސްމީ ފަރިއްކޮޅެއް ބޭއްވެވިއެވެ. މި ފަރިއްކޮޅުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު ވިޔަފާރީގެ ގުޅުން އޮންނަތާ 70 ވަރަކަށް އަހަރު ވެއްޖެކަން ފާހަގަކުރެއްވިއެވެ. އަދި ސިންގަޕޫރަކީ ރާއްޖޭގެ ވިޔަފާރީގެ ވަރަށްބޮޑު ބައިވެރިއެއް ކަމަށާއި، ސިންގަޕޫރަކީ ދިވެހިން ވަރަށް ލޯބިވާ ތަނެއް ކަމަށްވެސް ވިދާޅުވިއެވެ.

ސިންގަޕޫރުގައި މިހާރު ހިނގަމުންދާ އޭޝިޔާ ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޤްރީރު ކުރެއްވިއެވެ. މި ތަޤްރީރުގައި، މުސްތަޤްބަލުގައި ދުނިޔޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ މުހިންމު ކަމަކީ، ތިމާވެށްޓާ ރައްޓެހި ގޮތްތައް ބޭނުންކުރުން އިތުރުކުރުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ސަރަޙައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަޙައްދު ކަމުގައިވިޔަސް، ރާއްޖެއަށްވަނީ ފެން ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިކަންވެސް ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންއަށް ޒިޔާރަތް ކުރެއްވިއެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ ނަންފުޅަށް ނިސްބަތްކޮށް، ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާރޑްންގެ އޯކިޑް މަލަކަށް ނަން ދިނުމުގެ ރަސްމިއްޔާތެއްވެސް ބޭއްވުނެވެ. މިއީ ސިންގަޕޫރަށް ވަޑައިގަންނަވާ ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނަށް ސިންގަޕޫރު ސަރުކާރުގެ ފަރާތުން އަރުވާ ޝަރަފެކެވެ.

ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމު ކުރައްވައިގެން ބޭއްވެވި ބިޒްނަސް ފޯރަމްގައިވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވިއެވެ.