މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، އިންޑިއާގެ ޖީ.އެމް.އާރު ކުންފުންޏާއި އަދި މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގއާ ޙަވާލުކުރެއްވުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރައްވައިފިއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހަވީރު 5 ޖެހިއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން މިއެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ޢަލީ ހާޝިމެވެ. މޯލްޑިވްސް އެއަރޕޯޓްސް ކަމްޕެނީ ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ، ޗެއަރމަން ބަންދު އިބްރާހީމް ސަލީމެވެ. އިންޑިޔާގެ ޖީ.އެމް.އާރު.ގެ ފަރާތުން ސޮއިކުރެއްވީ ސީ.އީ.އޯ މިސްޓަރ ޕީ.ސިރުޕަތީ އެވެ. މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ ޓާން ސްރީ ބަޝީރު އަޙްމަދެވެ.

މިރަސްމިއްޔާތުގައި، ޖީ.އެމް.އާރު.ގެ ސީ.އީ.އޯ މިސްޓަރ ސިރުޕަތީ އާއި، މެލޭޝިޔާ އެއަރޕޯޓްސް ހޯލްޑިންގގެ މެނެޖިންގ ޑިރެކްޓަރ ބަޝީރު އަޙްމަދު ވާހަކަފުޅު ދެއްކެވިއެވެ.

އެއަށްފަހު ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީއާއި، ރައީސުލްޖުމްހޫރިއްޔާގެ އިކޮނޮމިކް އެޑްވައިޒަރ ޢަލީ ޝިޔާމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ނައިބު އަޙްމަދު އިނާޒާއި، އެޑްވައިޒަރ އޮން އިންވެސްޓްމަންޓް މިފްޒާލް އަޙްމަދާއި، އެޓަރނީޖެނެރަލްގެ އޮފީހުގެ ސޮލިސިޓަރ ޖެނެރަލް ޢަބްދުﷲ މުޢިއްޒު ނޫސްވެރިންނާ ބައްދަލުކުރެއްވިއެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި، ޕްރައިވަޓައިޒޭޝަން ކޮމިޓީގެ ޗެއަރމަން މަޙްމޫދު ރާޒީ ދެއްކެވި ވާހަކަފުޅުގައި، މިމަސައްކަތް ހިނގާދިޔައީ ދެފުށް ފެންނަ އަދި ވަރަށް ހާމަކަންބޮޑު ގޮތެއްގައި ކަމަށް ވިދާޅުވެ، މިމަސައްކަތް ފެށިގެން އައި ގޮތް، ނޫސްވެރިންނަށް ވަރަށް ތަފްޞީލުކޮށް ހާމަކޮށްދެއްވިއެވެ. އަދި މިމަސައްކަތުގެ ކޮންމެ މަރްޙަލާއެއްގައިވެސް އިންޓަރނޭޝަނަލް ފައިނޭންސް ކޯޕަރޭޝަންގެ ލަފައާއި މަޝްވަރާ ހޯއްދަވާފައިވާ ކަމުގައި ވިދާޅުވިއެވެ.