މުސްތަޤްބަލުގައި، ދުނިޔޭގެ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެ މުހިންމު ކަމަކީ، ތިމާވެށްޓާ ރަށްޓެހި ގޮތްތައް ބޭނުންކުރުން އިތުރުކުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި ބޭއްވޭ އޭޝިޔާ-ޕެސިފިކް ވޯޓަރ މިނިސްޓަރޒް ފޯރަމްގައި މިއަދު މެންދުރުފަހު ތަޤްރީރު ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، ރާއްޖޭގެ ސަރަޙައްދުގެ 99 ޕަސެންޓަކީ ކަނޑުގެ ސަރަޙައްދު ކަމުގައިވިޔަސް، ރާއްޖެއަށްވަނީ ފެންލިބުމުގެ ދަތިކަން ވަރަށްބޮޑަށް ކުރިމަތިވެފައި ކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްރަށުގެ ބިމުގެ ފެން ފަށަލަވަނީ ލޮނުގެ އަސަރުކޮށް ވަރަށްބޮޑަށް ތަޣައްޔަރުވެފައި ކަމަށް ވިދާޅުވެ، މިކަމަށް ފެންނަން އޮތް ޙައްލަކީ ލޮނު، ފެނަށް ހަދައިގެން ބޭނުންކުރުންކަން ފާހަގަކުރެއްވިއެވެ. ނަމަވެސް ލޮނު ފެނަށް ހެދުމަކީ، ވަރަށް އަގުބޮޑު އަދި އެހާ ގިނައިން ހަކަތަ ބޭނުންވާ ކަމަކަށްވާތީ، މިއީ ރާއްޖޭގެ ގިނަ ރައްޔިތުންނަށް އަތްފޯރާވަރަށްވުރެ އަގުބޮޑު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔޭގެ ފެނުގެ ރައްކާތެރިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ދުނިޔޭގެ ފެނުގެ ވަސީލަތްތަކުގެ ދުރު މުސްތަޤްބަލުގެ ރައްކާތެރިކަމަށް އެޅިފައިވާ އެންމެ ބޮޑު ހުރަހަކީ، މޫސުމަށް އަންނަ ބަދަލުތައް ކަމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ އެންމެ ނުރައްކާތެރި އަސަރުތައް ގުޅިފައިވަނީ ފެނާ ކަމުގައި ވިދާޅުވިއެވެ. މިގޮތުން، ދުނިޔޭގެ ބައެއް ސަރަޙައްދުތަކަށް އާދަޔާ ޚިލާފަށް ގިނައިން ވާރޭ ވެހުމުގެ ސަބަބުން ފެންބޮޑުވެ، މީހުންގެ ފުރާނައާއި ދަނޑުވެރިކަމަށް ގެއްލުން ލިބެމުންދާއިރު، އަނެއްބައި ހިސާބުތަކުގައި ވާރޭ ނުވެހުމުގެ ސަބަބުން ހަނަފަސްކަން އިތުރުވަމުންދާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޤްރީރުގައި، މޫސުމަށް އަންނަ މިބަދަލުތަކުގެ ސަބަބުން ފެނުގެ ވަސީލަތްތަކަށް ކުރިމަތިވެފައިވާ ނުރައްކަލުގެ ސަބަބުން އެންމެނަށް ހަމަހަމަ އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމުގެ މުހިންމުކަން އިތުރުވެފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ފެން ފޯރުވައިދިނުމަށްޓަކައި ޤައުމުތަކުން ކުރެވިދާނެ ވަރަށް ގިނަ ކަންތައް އެބަހުރިކަން ފާހަގަކުރައްވައި، މި ރޮނގުން ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވައިލެއްވިއެވެ. މިގޮތުން، ރާއްޖޭގައި ހުރި ސާފު ފެނުގެ ކުޅިތަކާއި، ޗަސްބިންތައް ރައްކާތެރިކުރުމަށާއި، ރަށްގިރުމުގެ ސަބަބުން ބިމުގެ ފެންފަށަލަ ތަޣައްޔަރުވުން ކުޑަކުރުމަށްޓަކައި ގޮނޑުދޮށްތައް ޙިމާޔަތް ކުރުމުގެ މަސައްކަތާއި، ދަނޑުވެރިކަން ކުރުމުގައި މަދުން ފެން ބޭނުންވާފަދަ ގޮތްތައް ތަޢާރަފް ކުރަމުން ގެންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖެއިން ތިމާވެށްޓާ ރައްޓެހިގޮތުގައި ތަރައްޤީވާން ނިންމާފައިވަނީ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ބޭރުގެ ތެލަށް ރާއްޖެ ބަރޯސާވެފައިވާ މިންވަރުގެ ސަބަބުން، ރާއްޖެއަކީ އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ހަކަތައިގެ ރައްކާތެރިކަން ކުޑަ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ވަރަށް ބޮޑަށް ކުރާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި ބޭނުންކުރެވޭ ފެނުގެ ބޮޑުބަޔަކީ، ޑީސެލިނޭޓް ކޮށްގެން ބޭނުންކުރެވޭ ފެންކަމަށްވާތީ، ފެނުގެ އަގުވެސްވަނީ ތެލާއި ކަރަންޓްގެ އަގާ ގުޅިފައި ކަމަށާއި، ނަމަވެސް، ރާއްޖެއިން ގިނައިން ލިބެންހުރި ޤުދުރަތީ ވަސީލަތްތަކުގެ މައްޗަށް ބިނާކުރެވޭ އިޢާދަ ކުރަނިވި ހަކަތައިގެ ނިޒާމްތަކުގެ ސަބަބުން، ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއާއެކު، ޢިއާދަ ކުރަނިވި ހަކަތައިގެ ވަސީލަތްތަކުގެ ސަބަބުން، ރާއްޖޭގެ ފެނުގެ ރައްކާތެރިކަންވެސް ބޮޑުވެގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.