ބައިނަލްއަޤްވާމީ ވިޔަފާރިއަށް ރާއްޖެ މިއަދުވަނީ ވަރަށް ބޮޑަށް ހުޅުވާލެވިފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސިންގަޕޫރުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމް ކުރައްވައިގެން މިއަދު ބޭއްވެވި ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުގެ ސިޔާސަތަކީ، ރާއްޖޭގެ ވިޔަފާރި ބޭރު ދުނިޔެއަށް ހުޅުއްވާލެއްވުން ކަމަށާއި، އެގޮތުން ސަރުކާރުގެ ޕްރައިވަޓައިޒޭޝަން ސިޔާސަތެއް މިހާރުވަނީ ކަނޑައަޅުއްވާފައި ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިންވެސްޓް ކުރުމަކީ، އެކަމުން ފައިދާތަކެއް ލިބޭނެ ކަމެއް ކަމަށް ވިދާޅުވެ، ސިންގަޕޫރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އިންވެސްޓް ކޮށްފައިވާ މިންވަރު ވަރަށް ބޮޑުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުން ބޭނުންފުޅުވަނީ، އަމިއްލަ ވިޔަފާރީގެ ދާއިރާ ފުޅާކުރައްވައި، ބޭރުގެ ތަޖުރިބާ ހުރި ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރްޞަތު އިތުރު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ތަފާތު ދާއިރާތަކުގައި އިންވެސްޓް ކުރުމުގެ ފުރްޞަތުތައް ރާއްޖޭގައި މިހާރު އެބަހުރި ކަމަށް ވިދާޅުވެ، އިންވެސްޓަރުންނަށް ރައްކާތެރި ޤައުމަކަށް ރާއްޖެ ހެއްދެވުމަށް އެޅުއްވެން ހުރި ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅުއްވަމުން ގެންދަވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މި ފޯރަމްގައި ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުރްޞަތުތަކާބެހޭ މަޢްލޫމާތު ސިންގަޕޫރުގެ ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ބޭފުޅުންނަށް ދެއްވިއެވެ.

މި ފޯރަމް ތަޢާރުފު ކުރެއްވީ، ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ޑެޕިޔުޓީ ހައިކޮމިޝަނަރ މުޙަންމަދު އިބްރާހީމް ދީދީއެވެ. މި ފޯރަމްގައި ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ މުޙަންމަދު ޚަލީލާއި، ސިންގަޕޫރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރައީސުލްޖުމްހުރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ގެންދެވި ވަފްދުގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ސިންގަޕޫރަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅުގައި، ސިންގަޕޯރ އެއަރޕޯޓް ޓަރމިނަލް ސަރވިސަސް (ސެޓްސް)އަށް މިއަދު ހަވީރު ޒިޔާރަތް ކުރައްވައި އެ ސަރވިސްގެ ކޫލް ޕޯޓާއި، އެހެން ބައެއް ތަންތަން ބައްލަވާލެއްވިއެވެ.

ސެޓްސްގެ ކޫލްޕޯޓަކީ، ތަރުކާރީއާއި މޭވާ އަދި އެހެނިހެން ތަކެތި ތާޒާކަންމަތީ ބެހެއްޓުމަށް ސިންގަޕޫރުގެ ވައިގެ ބަނދަރުގައި ޤާއިމް ކޮށްފައިވާ ނިޒާމެކެވެ.

ރައީސުލްޖުމްހޫރިއްޔާ، ސެޓްސްގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެއަށް މިފަދަ ނިޒާމެއްގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. ޓޫރިސްޓް ހޮޓާތަކުގައި ބޭނުންކުރުމަށް ރާއްޖެއަށް އެތެރެކުރެވޭ ތާޒާ މޭވާއާއި، ތަރުކާރީއާއި، މަލާއި، އަދި ތާޒާކަން މަތީ ރާއްޖެއިން ބޭރުކުރެވޭ މަހުގެ ބާވަތްތަކުގެ މައްޗަށް ރާއްޖޭގެ އިޤްތިޞާދު ބިނާވެފައިވާއިރު، މިއީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިންމު ނިޒާމެއް ކަމުގައި ވިދާޅުވިއެވެ. އަދި ރާއްޖޭގައި މިފަދަ ކޫލް ޕޯޓެއް ހެދުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.