ޞިއްޙީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދިވެހި ސަރުކާރާއި އިޓަލީވިލާތުގެ އަބްރުޓްޒޯ ސަރަޙައްދުގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފިއެވެ.

މިއެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިޓަލީވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަޙްމަދު ނަސީމެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި، އަބްރުޓްޒޯ ސަރަޙައްދުން ރާއްޖޭގެ ތެލެސީމިއާ ކުދިންނަށް ފަރުވާ ހޯދައިދިނުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި، ދެމުންގެންދާ އެހީތައް ފާހަގަކުރައްވައި، ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ،
މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ޞިއްޙީ ދާއިރާ ކުރިއެރުވުމަށާއި ތަރައްޤީކުރުމަށް އޮނިގަނޑެއް ބިނާކުރުމުގައި، އަބްރުޓްޒޯ ސަރަޙައްދުގެ ޞިއްޙަތާބެހޭ ޑިޕާޓްމަންޓްގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެއެވެ. އަދި ވަކިން ޚާއްޞަކޮށް، ތެލެސީމިއާ އޮޕަރޭޝަންތަކަށް މިއެއްބަސްވުމުގެ ދަށުން ޚާއްޞަ ސަމާލުކަމެއް ދެވޭނެއެވެ. މި އެއްބަސްވުމުގެ މުއްދަތަކީ 3 އަހަރެވެ.

ޞިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއެއް ކަމުގައިވާ "އައި.އެމް.އީ. ފައުންޑޭޝަން"ގެ ރައީސް މާރިއޯ މަރައްޒިއްޓީއާވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ބައްދަލުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި "އައި.އެމް.އީ. ފައުންޑޭޝަން"ގެ ފަރާތުން ތެލެސީމިއާ ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ޚާއްޞަ ސެންޓަރެއް ރާއްޖޭގައި ޤާއިމުކުރުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި މިސްޓަރ މަރައްޒިއްޓީއާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިޓަލީވިލާތުގެ ރޯމަށް ވަޑައިގަތީ، މިއަދު ހެނދުނުގެ ވަގުތެއްގައެވެ.