ޓެމިލްނާޑޫގެ ކޮއިމްބަތޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ "ވާރލްޑް ޓެމިލް ކޮންފަރެންސް"ގައި ބައިވެރިވެވަޑައިގަތުމަށް ކޮއިމްބަތޫރަށް ވަޑައިގެން އުޅުއްވާ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު އިބްރާހީމް ޙުސައިން ޒަކީ، ޓެމިލްނާޑޫގެ ޗީފް މިނިސްޓަރ މިސްޓަރ އެމް. ކަރުނަނިދީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި، މިކޮންފަރެންސަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމުގައި އިބްރާހީމް ޙުސައިން ޒަކީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ރަސްމީ ޒިޔާރަތެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދަޢުވަތު ދެއްވާފައިވުމާއެކު، މިދަތުރުފުޅު ވަރަށް އަވަހަށް ކުރައްވާނޭކަން ޗީފް މިނިސްޓަރ ކަރުނަނިދީ ހާމަކުރެއްވިއެވެ.

ވާރލްޑް ޓެމިލް ކޮންފަރެންސް މިއަދު ފެށޭނެއެވެ. މިކޮންފަރެންސް ހުޅުއްވައިދެއްވުމަށް ވަޑައިގަންނަވަނީ، އިންޑިޔާގެ ރައީސާ މިސިޒް ޕްރަތީބާ ދޭވިސިންގ ޕާޓިލްއެވެ. އިންޑިޔާގެ އެކިފެންވަރުގެ ބޭފުޅުންނާއި، ސެންޓްރަލް ގަވަރންމަންޓްގެ ގިނަ ޢަދަދެއްގެ މިނިސްޓަރުންގެ އިތުރުން، މިކޮންފަރެންސްގައި ދުނިޔޭގެ އެކި ހިސާބުތަކުގެ ތަފާތު ދާއިރާތަކުގެ ގިނަ ޢަދަދެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވައެވެ. 5 ދުވަހުގެ މުއްދަތަށް އޮންނަ މިކޮންފަރެންސާއި ރަސްމިއްޔާތުތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ އިތުރުން، އިންޑިޔާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރު ޢަބްދުލްޢަޒީޒު ޔޫސުފާއި، ކެރަލާގެ ތިރުވަނަންތަޕުރަމްގައި ހުންނަވާ ދިވެހިރާއްޖޭގެ ކޮންސަލް މުޙަންމަދު ރަޝީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.