ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީގެ ވެރިރަށް ރޯމަށް ކުރައްވާ ދަތުރުފުޅެއްގައި މިރޭ ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރޯމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ތިމާވެށްޓާބެހޭ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން، މިކޮންފަރެންސްގައި ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ އަދި ވިޔަފާރީގެ ދާއިރާއާ ގުޅޭގޮތުން އިޓަލީވިލާތުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅާ ބެހޭގޮތުން ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރު ވިދާޅުވީ، "އިޓަލީއަކީ ރާއްޖެއާ ވަރަށް ގާތް ރަޙްމަތްތެރި ޤައުމެއް. އަދި މީގެއިތުރުންވެސް އެޤައުމުން ރާއްޖެއަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުވައިދޭ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގެ ސަބަބުން، ދެޤައުމުގެ ގުޅުން އިހުނަށްވުރެ ބަދަހިވެ، ރާއްޖެއަށް އިތުރު ފައިދާތަކެއްވެސް ލިބޭނެ ކަމަށް ޤަބޫލުކުރެވޭ".