ކުޅުދުއްފުށީ ސަރަޙައްދީ ބަނދަރަށާއި، އައްޑުއަތޮޅު ހިތަދޫ ސަރަޙައްދީ ބަނދަރަށް ކަނޑުމަގުން އެތެރެކުރާ މުދަލުންނާއި، ހަނިމާދޫ ވައިގެ ބަނދަރަށާއި، އައްޑުއަތޮޅު ގަން އެއަރޕޯޓަށް ވައިގެ މަގުން އެތެރެކުރާ ހުރިހާ މުދަލަކުން ނެގޭ ޑިއުޓީން 30 އިންސައްތަ މާފުކޮށްދެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުއްވުމާ ގުޅިގެން، އެ ލަފާ ރައީސުލްޖުމްހޫރިއްޔާ ގަބޫލުފުޅު ކުރައްވައިފިއެވެ. ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް މިގޮތަށް ލަފާއެރުއްވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި، ރާއްޖޭގެ ސަރަޙައްދީ ވިޔަފާރި ބަނދަރުތަކަށް ކަނޑުމަގުން މުދާ އެތެރެކުރުމާއި އަދި ވައިގެ ބަނދަރުތަކަށް މުދާ އެތެރެކުރުމުގައި، ލުއިގޮތެއް ހަމަޖެއްސެވުމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ. އަންނަ ޖުލައިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މިގޮތަށް ޢަމަލުކުރައްވަން ފެށްޓެވުމަށާއި، މިކަން ހިންގެވުމަށް ކުރައްވަންޖެހޭ ތައްޔާރީތައް، އެތާރީޚުގެ ކުރިން ކުރައްވައި ނިންމެވުމަށްވެސް ވަޒީރުންގެ މަޖިލީހުން މިއަދު ކަނޑައެޅުއްވިއެވެ.

މިއަދުގެ ޖަލްސާގައި މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރަޙައްދީ ވިޔަފާރި ބަނދަރުތަކުގެ ބޭނުން އެދެވޭ ގޮތުގައި ހިފެމުން ނުދާކަން ފާހަގަކުރެއްވިއެވެ. އަދި މާލޭގެ ވިޔަފާރި ބަނދަރުގެ ތޮއްޖެހުން ކުޑަކުރައްވައި، ރާއްޖޭގެ އުތުރާއި ދެކުނުގައި ހިންގާ އިޤްތިޞާދީ ޙަރަކާތްތަކަށް ލުއިގޮތްތަކެއް ހޯއްދަވައިދެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމަށް މެންބަރުން ވިދާޅުވިއެވެ.

މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، ހައްދުންމަތީ ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށްވެސް ނިންމެވިއެވެ.

ހައްދުންމަތީ ކަޅައިދުއަކީ 2004 ޑިސެމްބަރ 26 ގައި ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ރަށުގެ ބޮޑު ބައެއް ހަލާކުވެދިޔުމާ ގުޅިގެން، މީހުން ދިރިއުޅެން ރައްކާތެރި ރަށެއް ނޫން ކަމަށް ސަރުކާރުން އިޢްލާނު ކުރައްވާފައިވާ ރަށެކެވެ. އެހެންކަމުން، އެރަށުގެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށްޓަކައި، ފްރެންޗް ރެޑްކްރޮސްގެ ފަރާތުން ހައްދުންމަތީ ގަމުގައިވަނީ ގެދޮރު ޢިމާރާތް ކޮށްދެއްވާފައެވެ. އަދި މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް ކަޅައިދޫގެ 8 ޢާއިލާ ފިޔަވައި އެހެން ހުރިހާ ޢާއިލާތައް ވަނީ ގަމުގައި ޢިމާރާތް ކުރެވުނު ގެތަކަށް ބަދަލުކުރެވިފައެވެ. އަދި މި 8 ޢާއިލާގައި ހިމެނޭ 75 މީހުންގެ ތެރެއިން 48 މީހަކު މިއަހަރުގެ ފެބްރުއަރީގެ ނިޔަލަށް ހައްދުންމަތީ ގަމަށް ބަދަލުވުމާ ގުޅިގެން، މިހާރު ކަޅައިދޫގައި ދިރިއުޅެމުންދަނީ 27 މީހުންނެވެ.

ކަޅައިދޫގައި މިހާ ކުޑަކުޑަ އާބާދީއަކަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތަކެއް ފޯރުވައިދެވޭނެ ކަމަށް ފެނިވަޑައިނުގަންނަވާތީ، އެރަށުގައި މިހާރު ދިރިއުޅެމުން ގެންދާ 27 މީހުންނަށް، ހައްދުންމަތީ ގަމުގައި އިތުރުވެފައިވާ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ މިހާރު ޙަވާލުކުރެވިފައިވާ 27 ގޭގެ ތެރެއިން 10 ގެ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. އެހެންކަމުން، ކަޅައިދުއަކީ މީހުން ވަޒަންވެރިވެ ނޫޅޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށް މި ނިންމެވީ، އެހާ މަދު މީހުންކޮޅެއް ދިރިއުޅޭ ރަށަކަށް އެކަށީގެންވާ ގޮތެއްގައި ރަނގަޅު ޚިދްމަތްތައް ފޯރުވައިދީ، މީހުން ރައްކާތެރިކޮށް ބެލެހެއްޓުމަކީ މާލީގޮތުން ސަރުކާރަށް ދަތިފުޅު ކަމަކަށްވުމާއި، އާބާދީ ބޮޑެތި ރަށްރަށަށްވެސް ނިސްބަތުން އެފަދަ ބޮޑެތި ޚަރަދު ކުރުމަށް ދަތިވާއިރު، 27 މީހުން ދިރިއުޅުމަށްޓަކައި ކަޅައިދުއަށް އެހާބޮޑު ޚަރަދެއް ކުރެއްވެން ނެތުމާ އެކުގައެވެ.