އިންޑިޔާގެ ކޮއިންބަތޫރުގައި މިމަހުގެ 23ން27އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ވަރލްޑް ކްލަސިކަލް ޓެމިލް ކޮންފަރެންސް"ގައި ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ބައިވެރިވެވަޑައިގަތުމަށް ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީ މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ.

މި ކޮންފަރެންސަކީ، ތަމަޅަ ބަހަކީ ޤަދީމީ ބަހެއްގެ ގޮތުގައި އިންޑިޔާ ސަރުކާރުން ނިންމަވާފައިވުމާއެކު އެކަން ފާހަގަކުރުމަށްޓަކައި ބާއްވާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގައި އިންޑިޔާގެ ރައީސާ ޕްރަތިބާ ޕަޓިލްއާއި، ޓެމިލްނާޑޫ ސްޓޭޓްގެ އިސް ބޭފުޅުންނާއި، ދުނިޔޭގެ އެކި ޤައުމުތަކުން ބަހުގެ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

މިދަތުރުފުޅާ ބެހޭގޮތުން އިބްރާހިމް ޙުސައިން ޒަކީ ވިދާޅުވީ "ދިވެހި ބަސް އުފެދިގެން އައި ބަސްތަކުގެ ތެރޭގައި ތަމަޅަ ބަސްވެސް ހިމެނޭ ކަމުގައި ބައެއް ލިޔުންތަކުން ދައްކާ. އަދި، އެނޫން ގޮތްގޮތުންވެސް ތަމަޅަ ދަރިކޮޅާ ދިވެހިންނާ ވަރަށް ޒަމާންވީ ގުޅުމެއް އުފެދިފައިވޭ. އެހެންކަމުން، މި ކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ބައިވެރިވުމަކީ މިގުޅުން އިތުރަށް ބަދަހިވާނެ ކަމެއް ކަމުގައި ދެކެން".