މިނިކާވަގު ހިމާޔަތްކުރުމާ ބެހޭގޮތުން ހަދާފައިވާ ޑޮކިއުމެންޓަރީ ފިލްމެއް ކަމުގައިވާ "ދަ ޓްރުތް އެބައުޓް ޓައިގަރސް"ގެ ރާއްޖޭގައި ބޭއްވި ޚާއްޞަ ސްކްރީނިންގއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ ވަޑައިގެންފިއެވެ. ރޭ ދަރުބާރުގޭގައި ބޭއްވި މި ސްކްރީނިންގގައި ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާއި، އަދި ތިމާވެށި ހިމާޔަތް ކުރެއްވުމަށް ރާއްޖޭގައި މަސައްކަތް ކުރައްވާ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރޭގެ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއްގަމާއި ކަނޑުގެ ދިރުން އާލާކުރުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓުން ދިވެހިރާއްޖޭގެ ބިމާބެހޭ އިދާރީ ދަފްތަރު ބަލަހައްޓަވައި، އެކަމާބެހޭގޮތުން ކުރައްވަންޖެހޭ ހުރިހާ ކަންތައްތަކެއް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ދަފްތަރުގައި ރާއްޖޭގެ ފަރުތައްވެސް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.