ޚިދްމަތާއި ތަކެތީގެ އަގު އަތްފޯރާފަށަށް ގެންނެވުމަކީ، ސަރުކާރުގެ އަމާޒެއް ކަމަށާއި، އެކަން ކުރެއްވުމަށްޓަކައި މުޅި އިޤްތިޞާދު ހަރުދަނާކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ހިންގުމާ ގުޅޭގޮތުން މިދިޔަ މެއި މަހު އައި.އެމް.އެފް.އިން ނެރެފައިވާ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިޕޯޓްގައިވާ ހުށަހެޅުންތަކުގެ މައްޗަށާއި، އަދި މި ޖޫންމަހު އައި.އެމް.އެފް.އިން ނެރުނު ރިޕޯޓުގެ މައްޗަށް ބައްލަވައިލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގެ އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ސަރުކާރުން ވަނީ ވަކި ޚާއްޞަ ޕްރޮގްރާމެއް އެކުލަވައިލައްވާފައި ކަމަށް ވިދާޅުވެ، އެ ޕްރޮގްރާމް ސަރުކާރުން ހިންގަވަމުން ގެންދަވަނީ، އައި.އެމް.އެފް. އާއި ވާރލްޑް ބޭންކާއި، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކާއި އަދި އެނޫންވެސް ބައިނަލްއަޤްވާމީ މާލީ އިދާރާތަކާ ގުޅިގެންކަން ބަޔާންކުރެއްވިއެވެ.

2005 ވަނަ އަހަރާއި 2008 ވަނަ އަހަރާ ދެމެދު އިޤްތިޞާދީ އަދި މާލީ ކަންކަން ހިނގާފައިވާ ގޮތުގެ މައްޗަށާއި ބަޖެޓުގެ މައްޗަށް ބިނާކޮށް އައި.އެމް.އެފް.އިން އެކުލަވާލާފައިވާ ރިޕޯޓަކީ މިދިޔަ މެއި މަހު ނެރުނު ރިޕޯޓެކެވެ. ރައީސްގެ ވާހަކަފުޅުގައި، އެ ރިޕޯޓުގައިވާ އެންމެހާ ކަންކަން ސަރުކާރުން ތަންފީޒު ކުރައްވަމުން ގެންދެވުމުގެ ރަނގަޅު ނަތީޖާ މިހާރު ކޮންމެވެސް މިންވަރަކަށް ފެންނަމުން އެބަދާ ކަމުގައި ވިދާޅުވިއެވެ.

އެ ރިޕޯޓުގައިވާ ކަންކަން ސަރުކާރުން ހިންގަވަން ފެށްޓެވީ، 2009 ވަނަ އަހަރުގެ ފުރަތަމަކޮޅުގައިކަން ފާހަގަކުރައްވަމުން، އައި.އެމް.އެފް. ޕްރޮގްރާމްގައި ބައިވެރިވެ، އެކަންކަން ސަރުކާރުން ހިންގަވަން ފެށްޓެވުމާއެކު، ސަރުކާރަށް އެކަމުން ލިބިވަޑައިގަންނަވާނެ ފައިދާއާއި، މާލިއްޔަތަށާއި އިޤްތިޞާދަށް ހުރި މަންފާތައް އެނގިގެންދިޔަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އައި.އެމް.އެފްއާއެކު ހިންގަވާ ޕްރޮގްރާމްތައް، ސަރުކާރުން މިގެންދަވަނީ ކުރިއަށް ކަމަށާއި، އެންމެ ފަހުން މި ޖޫންމަހު އައި.އެމް.އެފް.އިން ނެރުއްވި ރިޕޯޓުގައި ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުގެ ސަބަބުން ދައުލަތުގެ މާލިއްޔަތު މިހާރުވަނީ އެތައް ގޮތަކުން ރަނގަޅުވާން ފަށާފައިވާކަން ހާމަކޮށްފައިވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރު ރާއްޖެއަށް ކުރިމަތިވި ޑޮލަރުގެ ދަތިކަމަށްވެސް ސަރުކާރުން މިހާތަނަށް އަޅުއްވާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރު މިވަނީ ފަސޭހަކަމެއް ލިބިފައި ކަމަށްވެސް އެރިޕޯޓުގައި ބަޔާން ކޮށްފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އައި.އެމް.އެފް.ގެ ޕަބްލިކް ފައިނޭންޝަލް މެނޭޖްމަންޓް ރިޕޯޓްގައި ކޮންމެ ދާއިރާއެއްގެ ޙާލަތު މިހާރު އެނގެން އޮތުން އެއީ ދެން މިފަދަ ރިޕޯޓެއް އެކުލަވައިލާއިރު، އަޅާކިޔާނެ ފެންވަރުތަކެއް ހުރެގެން، އެކަން ކުރިއަށް ގެންދެވޭނެ ވަސީލަތަކަށްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ސަރުކާރުން އަޅުއްވަމުން ގެންދަވާ ޚަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަދިވެސް ކުރިއަށް ގެންދިޔުމަށް އައި.އެމް.އެފް.އިން އިލްތިމާސްކޮށްފައިވާ ކަމުގައި ވިދާޅުވިއެވެ. އަދި މިއަދު މިފެންނަ އިޤްތިޞާދު ރަނގަޅުވަމުންދާ ކަމުގެ ކުލަވަރު ފެންނަމުން މިއަންނަނީ އައި.އެމް.އެފްއާއެކު ސަރުކާރުން މިހިންގަވާ ޕްރޮގްރާމްގައި، އެކަންކަން ކުރާންހުރި ގޮތަށް ސީދާ ބަރާބަރަށް ގެންދެވޭތީ ކަމުގައި ވިދާޅުވިއެވެ. އެޕްރޮގްރާމްގައިވާ ކަންކަން އެގޮތަށް ނުކޮށްފިނަމަ، މާލީ ބޮޑެތި ދަތިތަކާ ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އައި.އެމް.އެފް.އިން އެރިޕޯޓްގައި ދީފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ސަރުކާރުން އަބަދުވެސް ކުރައްވަމުން ގެންދަވާނީ، ރާއްޖޭގެ ރައްޔިތުންގެ ޢާންމު ޙާލަތު ރަނގަޅު ކުރެއްވުމަށް އަމާޒު ކުރައްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެއް ކަމަށާއި، އިޤްތިޞާދު ހަރުދަނާވީމާ، އެކަމާ ގުޅިގެން، ރައްޔިތުންގެ އާމްދަނީ ރަނގަޅުވެގެންދާނެ ކަމަށް ސަރުކާރަށް ފެނިވަޑައިގަންނަވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.