ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށާއި، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރު ކަމަށް ކުރިމަތިލުމަށް، މި ޖޫން މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުއްވާލެއްވި ފުރްޞަތު، އިއްޔެ ހަމަވިއިރު، ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް 21 ބޭފުޅަކު، އަދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ މެންބަރުކަމަށް 57 ބޭފުޅަކު ކުރިމަތިލައްވައިފިއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލެއްވީ 19 ފިރިހެން ބޭފުޅުންނާއި 2 އަންހެން ބޭފުޅުންނެވެ. ހިޔުމަން ރައިޓްސް ކޮމިޝަނަށް ކުރިމަތިލެއްވީ 39 ފިރިހެން ބޭފުޅުންނާއި 18 އަންހެން ބޭފުޅުންނެވެ.

މި ދެ ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ޝަރުޠު ހަމަވޭތޯ ބައްލަވައި، އަދި އެބޭފުޅުންގެ މަޢްލޫމާތުތައް ދިރާސާ ކުރެއްވުމަށްފަހު، އެ ދެ ކޮމިޝަނަށް ހަމަޖައްސަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ނަންތައް، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޚަބަރު ދެއްވައެވެ.