މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސީޝެލްސްގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑޮކްޓަރ ޕެޓްރިކް ހާމިނީއާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ޑޮކްޓަރ ޕެޓްރިކް ހާމިނީ ދެއްކެވި ވާހަކަފުޅުގައި، ސީޝެލްސްއާއި ރާއްޖެއާ ދެޤައުމުގެ ދެމެދުގައި ވަރަށް އެއްގޮތް ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެ، މިގޮތުން ދެޤައުމުގެވެސް ސިޔާސީ ނިޒާމާއި، އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދެޤައުމުން ދެކޭގޮތާއި ދެޤައުމަށްވެސް ފޯރާ އަސަރަކީ ވަރަށް އެއްގޮތް ކަންތައްތަކެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސީޝެލްސްގެ ސިޔާސީ ނިޒާމާއި، ސިޔާސީ މަސްރަޙާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ޑރ.ޕެޓްރިކް ހާމިނީ މަޢުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސީޝެލްސްއާއި ރާއްޖެއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގުޅުމެއް ކަމަށާއި، ދެޤައުމުގެ ޤާނޫނުހަދާ މަޖިލީހުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ އިތުރުން، އެހެން ދާއިރާތަކުގައިވެސް ގުޅުން ބަދަހިކުރެވިދާނެކަމުގައި ވިދާޅުވިއެވެ. މިގޮތުން، ތަޢުލީމީ ދާއިރާއިންނާއި، ކުޅިވަރާއި ޘަޤާފަތުގެ ދާއިރާއިންނާއި، މަސްވެރިކަމާއި ދަތުރުފަތުރުކުރުމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ކަމަށް ވިދާޅުވެ، މިކަމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓީކަލް އެފެއާޒް ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.

ސީޝެލްސްގެ ޤާނޫނުހަދާ މަޖިލީހުގެ ރައީސް ރާއްޖެ މި ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށެވެ.