ސޯޝަލް ހައުސިންގގެ ގޮތުގައި ތަރައްޤީ ކުރައްވާ ފްލެޓްތަކަށް އެދޭފަރާތްތަކަށް ހައުސިންގ ބެނިފިޓްސް ދެއްވާނެ އުސޫލު ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މި އުސޫލު ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓުން އެންޑް އެންވަޔަރަންމަންޓުން ހުށަހެޅުއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން މަޝްވަރާ ކުރެއްވުމަށްފަހުގައެވެ.

ސޯޝަލް ހައުސިންގ ބެނިފިޓްސް ދެއްވުމުގައި ބައްލަވާނެ އެންމެ މުހިންމު އެއްކަމަކީ، އާއިލާއަކަށް އާމްދަނީގެ ގޮތުގައި ލިބޭ ޖުމްލަ މިންވަރު ފަސްހާސް ރުފިޔާ ނުވަތަ އެއަށްވުރެ ދަށް އާމްދަނީއެއް ލިބޭ އާއިލާއަކަށް ކަނޑައެޅޭ ހައުސިންގ ބެނިފިޓްސްގެ ޖުމްލަ އަދަދު ދެއްވުމެވެ. އަދި ހައުސިންގ ބެނިފިޓްސް ލިބުން ޙައްޤުވާނީ، އެ އާއިލާއަކަށް މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި ލިބޭ ޖުމްލަ މިންވަރު ފަންސަވީސްހާސް ރުފިޔާއަށްވުރެ މަދުން ލިބޭ އާއިލާތަކަށް ކަމަށްވެސް މިއަދުގެ ޖަލްސާއިން ނިންމެވިއެވެ.

ވަޒީރުންގެ މަޖިލީހުން މި ނިންމެވި އުސޫލު، ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާގޮތަށްވަނީ ހަމަޖެހިފައެވެ.