ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް ސަރުކާރުން އެންމެ ފުޅާ ދާއިރާއެއްގައި އެއްބާރުލެއްވުން ދެއްވަން ބޭނުންފުޅުވާ ކަމަށާއި، އެ އެއްބާރުލެއްވުން އަބަދުވެސް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޙަސަން ޢަފީފްގެ ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ބޭފުޅަކު ހާޒިރުކުރެއްވުމަށް އެންގެވޭނީ، މަޖިލީހުގެ ރައީސް ސޮއިކުރައްވައި ފޮނުއްވާ ލިޔުމަކުންކަން މަޖިލީހުގެ ގަވާއިދުގައި ބަޔާންކުރައްވާފައި އޮތްކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން، ތިންބާރު ވަކިކުރެވިފައވާ ސިޔާސީ އާ މަރުޙަލާއެއް ކުރިއަށްދާއިރު، އެއްބާރެއްގެ ބޭފުޅުން، އަނެއް ބާރަކުން ހާޒިރުކުރައްވަންވާނީ ނުވަތަ އެއްބާރަކަށް ނިސްބަތްވާ ބޭފުޅުން، އަނެއް ބާރަކަށް ނިސްބަތްވާ ޢިމާރާތްތަކަށް ވެދެވަޑައިގަންނަވަންވާނީ، އެކަންކަމަށް ހަމަޖެހިފައި އޮންނަ ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމުގައި ޙަސަން ޢަފީފް ވިދާޅުވިއެވެ.

ޤާނޫނުއަސާސީގެ 99ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހަށް ނުވަތަ އެމަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް ވަކިމީހަކަށް ނުވަތަ ވަކި މުއައްސަސާއަކަށް އެންގެވޭނެކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 133ވަނަ މާއްދާގެ (ނ)ގައިވަނީ، ކޮމިޓީއެއް ހިންގުމުގެ އުސޫލުކަމުގައިވާނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކަމުގައެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 5ވަނަ މާއްދާގައި، ގަވާއިދުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު މަޖިލީހުން ފާސްކުރާ ބިލުތަކާއި، ޤަރާރުތަކާއި، ވަކި މީހަކު މަޖިލީހަށް ނުވަތަ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުވުމަށް އަންގާ ފޮނުވާ އަމުރުތަކުގައި ސޮއިކުރައްވާނީ މަޖިލީހުގެ ރައީސްކަމަށް ބަޔާންކޮށްފައިވެއެވެ.