ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސިޒް ޒެނައިޑާ ޓަކާޑޯ ރަބަގޯ، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ފިލިޕީންސް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުކަމުގެ މަގާމުގައި ހުންނަވައިގެން ދެ ޤައުމުގެ ގުޅުން ބަދަހިކުރެއްވުމަށް މިޒް ރަބަގޯ ކުރެއްވި މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އޭނާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވެ، މި މައްސަލައަށް އަވަސް ޙައްލެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ. މިގޮތުން، މި މައްސަލައިގައި އޭޝިޔާ ޤައުމުތަކުން އެއްގޮތް ޚިޔާލުތަކެއް ގެންގުޅުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިފަދަ އެއްބަސްވުމަކަށް އައުމަށްޓަކައި، މެކްސިކޯ ސަމިޓުގެ ކުރިން ބައްދަލުވެ ޤައުމުތަކުގެ މެދުގައި މަޝްވަރާ ކުރަންޖެހިފައިވާ ކަމުގައި ވިދާޅުވިއެވެ.

މިޒް ޒެނައިޑާ ޓަކާޑޯ ރަބަގޯ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތައް ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި މިމަސައްކަތްޕުޅުތައް ކުރިއަށް ގެންދެވުމަށް ހިތްވަރު ދެއްވައި، މިކަމުގައި އެކަމަނާއަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބައެއް މައްސަލަތަކާ ބެހޭގޮތުންނާއި، އިންސާނީ ޙައްޤުތަކާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.