ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މެލޭޝިޔާގައި ބޭއްވުނު 6 ވަނަ ވާރލްޑް އިސްލާމިކް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް، މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުގައި، މި ފޯރަމްގައި ތަޤުރީރު ކުރެއްވިއެވެ. މީގެ އިތުރުން، މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް މެލޭޝިޔާއަށް ވަޑައިގެންނެވި އިސްލާމީ ބައެއް ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއާއި އެޤައުމުތަކާ ދެމެދު އޮންނަ ގުޅުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި، މެލޭޝިޔާގެ ބޮޑުވަޒީރާއި، ބުރުނާއީގެ ރަސްގެފާނާއި، ކޮސޯވޯގެ ރައީސް ހިމެނިވަޑައިގަންނަވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މެލޭޝިޔާގެ ވިޔަފާރިވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގައި ހުރި ވިޔަފާރީގެ ފުރުޞަތު ތަކާބެހޭ މަޢުލޫމާތު އެބޭފުޅުންނަށް ދެއްވިއެވެ. އަދި، މެލޭޝިޔާގައި ކިޔަވަންތިބި ބައެއް ދިވެހި ކުދިންނާ ބައްދަލުކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ، މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތް ކުރައްވައި އެތާނގެ މުވައްޒަފުންނާވެސް ބައްދަލުކުރެއްވިއެވެ.