އެއަރ އިންޑިޔާގެ މަތިންދާބޯޓެއް ވެއްޓި އެބޯޓުން ދަތުރުކުރި ވަރަށް ގިނަ އަދަދެއްގެ މީހުން މަރުވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ރައީސާ ޕްރަތިބާ ޕާޓިލަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ވަރަށް ފުންހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، އިންޑިޔާގެ ރައްޔިތުން މި ހިތާމަ ބަރުދާސްތު ކުރަމުން ގެންދާއިރު، ދިވެހި ސަރުކާރާއި ރައްޔިތުންނާއި އަދި ރައީސުލްޖުމްހޫރިއްޔާ މި ފުން ހިތާމައިގައި ބައިވެރިވެވަޑައިގެން، ރައީސާ ޕްރަތިބާ ޕާޓިލަށާއި، އިންޑިއާ ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ހާދިސާގައި އެތައް ޢާއިލާއެއްގެ ލޮބުވެތި އެތައް ބަޔަކު މި ދުނިޔެ ދޫކޮށްފައިވާތީ، އެ ޢާއިލާތަކުގެ ލޮބުވެތި މެންބަރުންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.