މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ޒިޔާރަތް ކުރައްވައި ހައިކޮމިޝަންގެ މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މެލޭޝިޔާއަށް މިކުރައްވާ ދަތުރުފުޅުގެ އިންތިޒާމްތައް ހަމަޖެހިފައިވަނީ ވަރަށް ރަނގަޅަށް ކަމަށާއި، މި އިންތިޒާމްތައް ހަމަޖެއްސެވުމުގައި ހައިކޮމިޝަންގެ މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތްތައް ފާހަގަކުރައްވައި، ސަފީރު މުޙަންމަދު ޒަކީއަށާއި، ހައިކޮމިޝަންގެ ހުރިހާ މުވައްޒަފުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހައިކޮމިޝންގެ މުވައްޒަފުންނަކީ، މެލޭޝިޔާގައި ދިރިއުޅުއްވާ ދިވެހިންނަށް ނަމޫނާއަކަށް ވެވަޑައިގަންނަވަންވާނެ ބޭފުޅުން ކަމަށާއި، މެލޭޝިޔާއާއި ރާއްޖެއާއި ދެމެދު އޮންނަ ގާތް ގުޅުން ރަމްޒުކޮށްދޭ ގޮތަކަށް ކަންތައްތައް ގެންދަވަންވާނެ ކަމުގައި ވިދާޅުވިއެވެ. އަދި މެލޭޝިޔާގައި ބާއްވާ މެލޭޝިޔާވަންތަކަން ދައްކައިދޭ އެކިކަންކަމުގައި ބައިވެރިވެވަޑައިގެން އެކަންކަމަށް އެއްބާރުލެއްވުން ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ހައިކޮމިޝަންގެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ ވާހަކަ އެމުވައްޒަފުން ރައީސުލްޖުމްހޫރިއްޔާ އަރިހުގައި ދެންނެވިއެވެ. އަދި އެކަންކަން ބައްލަވައި އެޅުއްވެން ހުރި ފިޔަވަޅުތައް އަޅުއްވައި ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.