ރައްޔިތުންނަށް އެހާބޮޑު ތަކްލީފެއް އުފުލަން ނުޖެހޭނެގޮތަކަށް ކަރަންޓުގެ ބިލުގެ ކަންތައް ހަމަޖެއްސެވޭތޯ ސަރުކާރުން ބައްލަވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ރައްޔިތުންނަށް ކުރިމަތިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވަރަށްގިނަ ރައްޔިތުންނަށް މިކަމުގެ ދަތިތައް އެބަފޯރާ ކަމަށާއި، އެ ދަތިތައް ޙައްލުކުރެއްވުމުގައި ސަރުކާރަށް ވެދެއްވެންއޮތް އެހީތެރިކަމެއް ރައްޔިތުންނަށް ވެދެއްވުމަށް ސަރުކާރުން މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. ކަރަންޓު ބިލް ބޮޑުވާ ވަގުތު، ސަބްސިޑީގެ ކަންތައް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެ، އެމަނިކުފާނު މިހާރު އުފައްދަވާފައިވާ ޓާސްކްފޯހުން އެ ކަންތައްތައް ބައްލަވަމުން ގެންދަވާކަން ހާމަކުރެއްވިއެވެ. "އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް އެހާބޮޑު ދައްޗެއް މިކަމުގައި ކުރިމަތި ނުވާކަހަލަ ގޮތަކަށް ކަންކަން ހަމަޖެހިގެންދާނެ" ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރު ޙިއްޞާވާ ކޮންމެ ކުންފުންޏަކީވެސް އޭގެޒާތުގައި އަމިއްލައަށް ހިނގޭ ކުންފުންޏަކަށް ހެއްދެވުމަކީ ސަރުކާރުގެ އަމާޒު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ކުންފުނިތަކުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެ ކުންފުންޏަކަށް ލިބޭއެއްޗަކުން ފޫބެއްދޭނެ ގޮތަކަށް އަގުތަކެއް ކަނޑައަޅުއްވައި، އެއަގުތަކުގެ މައްޗަށް ބިނާކުރައްވައިގެން ކުންފުނިތައް ހިންގެވުމަށްކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.

އެކަނިވެރި މައިންނަށާއި ޔަތީމު ކުދިންނަށް ދެއްވާ އެހީ ދެއްވުމުގެ މަސައްކަތް މިހާރު ފަށްޓަވާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި ޔަތީމު ކުދިން ބަލަހައްޓާ ފަރާތްތަކަށާއި، ޔަތީމު ކުދިންނަށާއި، އެކަނިވެރި މައިންނަށް މިހާރަށްވުރެ ތަންކޮޅެއް ތަނަވަސް ގޮތެއް އިރާދަކުރެއްވިއްޔާ ކުރިއަށްއޮތް ތަނުގައި ފަހިވެގެންދާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ގުއަންޓަނާމޯބޭ ޖަލުން ދެ އިސްލާމަކު ރާއްޖެ ގެނައުމަށް މަޝްވަރާ ކުރެވެމުންދާ ޚަބަރާ ގުޅިގެން، ބައެއް ފަރާތްތަކުން މާ އެދެވޭ ނޫން ގޮތްގޮތަށް އެ ނުކުތާ ފާހަގަކުރަމުން ގެންދާތީ، އެކަމުގެ މައްޗަށްވެސް ބައްލަވާލައްވައި އެކަމުގައި ސަރުކާރުގެ ވިސްނުންފުޅު ހުރިގޮތް ހާމަކުރެއްވިއެވެ. މިކަމަކީ ސިއްރިއްޔާތުގައި ސަރުކާރުން ކުރައްވާ ކަމެއްނޫން ކަމަށާއި، މިކަން މި ކުރައްވަނީ ހެޔޮ ނިޔަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ ދެމީހުން ރާއްޖެ އައުމަކުންނެއް، ދިވެހިރާއްޖޭގެ އެއްވެސް ކަމަކަށް އެއްވެސް ބަދަލެއް، އެއްވެސް އުނިކަމެއް އައިސްގެނެއް ނުދާނެ ކަމަށާއި، އެއާ ޚިލާފަށް ރާއްޖެއަށް ލިބޭނީ، ރީތި ނަމާއި ޤަދަރާއި ޢިއްޒަތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ނުޙައްޤުން ހައްޔަރުވެތިބި ބަޔަކު، ޚާއްޞަކޮށް އިސްލާމް ބަޔަކަށް ލުއިގޮތެއް ހޯދައިދިނުމުގައި ދިވެހިރާއްޖެއިން އެހީތެރިވެވެން އޮއްވާ، އެކަން ނުކޮށް ދޫކޮށްލުމަކީ، އަޅުގަނޑުމެންގެ ޤާނޫނުއަސާސީއަކާވެސް އަދި މާތްވެގެންވާ އިސްލާމްދީނަކާވެސް، އަދި ދިވެހިވަންތަކަމާވެސް އެއްގޮތަކަށްވެސް އެއްގޮތްކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސަރުކާރުން މިކަން ކުރައްވާއިރުގައި، ރާއްޖޭގެ އެއްވެސް ޤާނޫނަކާ ޚިލާފަކަށް މިކަމެއް ނުކުރައްވާނެ ކަމަށާއި، މިކަން ކުރައްވަމުން ގެންދަވާނީ، ހުރިހާ ޤާނޫނުތަކަކާ އެއްގޮތްވާ ގޮތުގެ މަތިން، ވަރަށް އިޚްލާޞްތެރިކަމާ އެކުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަމުގައި ޑީ.އާރު.ޕީ.ގެ ޝަކުވާއެއް އޮތްނަމަ، އެ ޝަކުވާއެއް ސަރުކާރަށް ހުށަހަޅުއްވައި ދެއްވުމަށް ޑީ.އާރު.ޕީ.ގެ ބޭފުޅުންގެ އަރިހުން ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަމުން، އެކަމުގައި ބެއްލެވެންހުރި މިންވަރަކަށް ބައްލަވައި، އެބޭފުޅުން ސާފުކުރައްވަން ބޭނުންފުޅުވާ ކަންކަން ސާފުކޮށްދެއްވާނެ ކަމުގައިވެސް ވިދާޅުވިއެވެ. އަދި މިކަމުގައި ބޭނުންފުޅުވަނީ، އެ ޕާޓީއާވެސް މަޝްވަރާ ކުރައްވައިގެން، ރިވެތިގޮތުގައި މިކަން ކުރިއަށް ގެންދަވައި ނިންމަވާލެއްވޭނެ މަގެއް ހޯއްދެވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޚިޠާބުގައި، ރައީސް އޮފީހުގެ ވެބްސައިޓްގައި ޝާއިޢު ކުރައްވާފައިވާ، ރާއްޖޭގައި މިހާރު ހިނގަމުންދާ ހުރިހާ މަޝްރޫޢެއްގެ މަޢުލޫމާތު ހިމެނޭ ޕްރޮގްރާމެއް ކަމަށްވާ "އައިލްސް" ޕްރޮގްރާމްގެ މައްޗަށްވެސް ބައްލަވާލެއްވިއެވެ. ރަށެއްގެ ފަޅެއް ކޮނުނަސް، ބަނދަރެއް، މަދަރުސާއެއް ހެދިޔަސް، އަދި ހޮސްޕިޓަލެއް އެޅިޔަސް، އެ މަޢްލޫމާތާއި، އަދި ހުރިހާ ޕްރޮޖެކްޓަކާ ގުޅޭ އެންމެހާ މަޢުލޫމާތު، އައިލްސް ޕްރޮގްރާމުގެ ތެރޭގައި ހިމެނިފައިވާނެ ކަމަށް ވިދާޅުވެ، ހުރިހާ ބޭފުޅުންވެސް، ޚާއްޞަކޮށް ނޫސްވެރިން މި ޕްރޮގްރާމްގެ ވެބްސައިޓް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. އެ ވެބްސައިޓުގެ އެޑްރެހަކީ http://isles.egov.mv އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު ނިންމަވާލެއްވީ، ބިން ދަތި ރަށްތަކުގެ ތެރެއިން ހިންނަވަރާއި، ތުޅާދުއާއި، ވެލިދުއާއި ދިއްދޫގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ހޮނިހިރު ދުވަހު ފެށޭނެކަން ހާމަކުރައްވަމުންނެވެ. އަދި މި ހަތަރު ރަށް ހިއްކުމުގެ މަސައްކަތް ގިނަވެގެން ދެމަސް ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގައިވެސް ވިދާޅުވިއެވެ.