ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މާދަމާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، ކަރަންޓް ބިލް ބޮޑުވުމާ ގުޅިގެން، ރައްޔިތުންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ކުރައްވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި އެކި ރަށްރަށަށް ސަރުކާރުން ހިންގަވާ މަޝްރޫޢުތަކުގެ ފުރިހަމަ މަޢްލޫމާތު އޮޅުންފިލާނޭ ފްރޮގްރާމެއްގެ މަޢްލޫމާތު ދެއްވާނެއެވެ.

މާދަމާގެ ރޭޑިޔޯ ޚިޠާބުގައި، ގުއަންޓަނާމޯބޭ ޖަލުގައި ތިބި ދެ މުސްލިމަކު ރާއްޖެ ގެންނެވުމުގައި ސަރުކާރުގެ ވިސްނެވުން ހުރިގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާނެއެވެ. އަދި ސަރުކާރުގެ ކުންފުނިތައް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ހިންގެވުމާއި، އެ ކުންފުންޏަކަށް ލިބޭ އެއްޗަކުން ޚަރަދު ފޫބެއްދުމާއި، ކުންފުނިތައް ޒިންމާދާރު ކުރުވުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.