ގެދޮރު އެޅުމުގެ ޕްރޮގްރާމް ހިންގެވުމަށް ޓޫރިޒަމް ޤާނޫނުގައިވާ ގޮތުގެ މަތިން ޓެންޑަރ އުޞޫލުން ދޫކުރެއްވުމަށް ނިންމަވާފައިވާ 8 ރަށުގެ ތެރެއިން 4 ރަށެއް ކަނޑައަޅުއްވައި، އެ 4 ރަށް ބިމާބެހޭ އިދާރީ އޮނިގަނޑުގެ ދަށުން ޓޫރިސްޓު ރިޒޯޓުގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރާ ހަވާލުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެމަޖިލީހުގެ ޖަލްސާގައި މިކަމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ފުރަތަމަ ފިޔަވަހީގައި ތަރައްޤީ ކުރެއްވުމަށް ކަނޑައެޅުއްވި ހަތަރު ރަށަކީ، ރ. ދިގަލި، ނ. ރާފުށި، ނ. ހުއިވަނި، ރ. ފުށިވެލާވަރެވެ. މި ހަތަރު ރަށް، ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރެއްވުމަށް ދޫކުރައްވާނީ، ހައުސިންގ ފަންޑަށް އެންމެގިނަ ފައިސާ ދޭން ހުށަހަޅާ ފަރާތަކަށް ރިޒޯޓް ތަރައްޤީކުރުން ދޫކުރެއްވުން އެއީ، މައިގަނޑު އެއް އުޞޫލު ކަމަށް ބައްލަވައިގެންނެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މާލޭގައި ހިންގުމަށް ރާވާފައިވާ ހައުސިންގ މޮޑެލްގެ ދަށުން 108 ހައުސިންގ ޔުނިޓް ޢިމާރާތް ކުރެއްވުމަށްޓަކައި މާލޭގެ 363 ނަންބަރު ކޮށި، މިނިސްޓްރީ އޮފް ހައުސިންގ، ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ހަވާލުކުރެއްވުމަށްވެސް ނިންމެވިއެވެ.

މިއަދުގެ ޖަލްސާގައި ޔުނެސްކޯގެ "އިންޓަރނޭޝަނަލް ކޮންވެންޝަން އެގެއިންސްޓް ޑޯޕިންގ އިން ސްޕޯޓްސް"ގައި ރާއްޖެއިން ބައިވެރިވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަށް ނިންމެވިއެވެ. މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކުޅިވަރު ކުޅުމުގެ ތެރޭގައި މަނާބޭސް ބޭނުންކުރުން ހުއްޓުވުމާބެހޭ މުޢާހަދާއަކީ، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް ތަޞްދީޤު ކުރަންޖެހޭ މުޢާހަދާއަކަށްވީހިނދު، ދިވެހިރާއްޖެއަކީވެސް ފުޅާ ދާއިރާއެއްގައި ކުޅިވަރު ކުޅެ އަދި އެކިއެކި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވާ ޤައުމަކަށްވީތީ، މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމަކީ މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ.