ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް، ސްވިޓްޒަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސިޒް ރުތް ފްލިންޓް، މިއަދު ވަދާޢީ ޒިޔާރަތް ކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސްވިޓްޒަރލޭންޑް ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނެވި ސަފީރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި، މި ޚިދުމަތްތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގައި ބޭރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމަށާއި، މިކަމުގައި ސްވިޓްޒަރލޭންޑްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، ރާއްޖެއަށް ބޭނުންވަނީ ހަމައެކަނި ފައިސާގެ އެހީ ނޫންކަމާއި، ޤައުމުތަކުގެ އެއްބާރުލުމާއި އެކުވެރިކަންވެސް ހަމައެހާމެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިގޮތުން، ސްވިޓްޒަރލޭންޑްގެ ވަރަށް ގިނަ ފަތުރުވެރިން ރާއްޖެ އަންނަ ކަމަށާއި، ސްވިޓްޒަރލޭންޑްގެ ވަރަށް ގިނަ ރައްޔިތުން ރާއްޖޭގައި މަސައްކަތްކުރަމުންދާކަމީވެސް، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވާ ކަންތައްތަކެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިސިޒް ރުތް ފްލިންޓް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ޑިމޮކްރެޓިކް އުޞޫލުތައް ދެމެހެއްޓެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި މިމަސައްކަތްޕުޅުތައް ކުރިއަށް ގެންދެވުމަށް ހިތްވަރު ދެއްވައި، މިކަމުގައި އެކަމަނާއަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ ބައެއް މައްސަލަތަކާ ބެހޭގޮތުންނާއި، އިންސާނީ ޙައްޤުތަކާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން އަފީފާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.