ފެކަލްޓީ އޮފް އާޓްސްއިން ހިންގަވާ ޑިޕްލޮމާ އިން ޖަރނަލިޒަމް ކޯހުގެ ބައިވެރިންނަށް، ސިޔާސަތުގެ ބަހުރުވައާއި ބަހުރުވައިގެ މިނިވަންކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަޤްރީރެއް ދެއްވައިފިއެވެ.

މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އެ ކޯހުގެ ބައިވެރިން އިންތިޒާމް ކޮށްގެން މިއަދު ހެނދުނު ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރައްވަމުން، މީގެކުރިން ރާއްޖޭގައި ހައްޔަރުވެފައިތިބީ ހަމައެކަނި ލިޔުންތެރިންނެއް ނޫން ކަމުގައި ވިދާޅުވިއެވެ. އަދި، ހިފެހެއްޓިފައި އޮތީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އެކަނި ނޫން ކަމަށާއި، ރާއްޖޭގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ، ދިވެހިބަސް ހައްޔަރު ކުރެވިފައި އޮތުން ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިފަދަ ބަސްތައް ބޭނުންކުރުމުގެ މިނިވަންކަން މިއަދު ލިބިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

މިދިޔަ ތިން ހަތަރު އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ އާ ބަސްތައް ބޭނުންކުރަން ފެށިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވަމުން، އޭގެ ތެރޭގައި ސިޔާސީ ނިޒާމާބެހޭ ބަސްތައްވެސް ހިމެނޭ ކަމަށް ވިދާޅުވެ، އެފަދަ ބައެއް ބަސްތަކަށް އެމަނިކުފާނު ބައްލަވާލެއްވިއެވެ. އަދި މިހާރުގެ ސިޔާސީ ނިޒާމްގެ ތެރޭގައި ހުރި ބަސްތައް ބޭނުންކުރަމުން ދާއިރުގައި، އެބަސްތަކަކީ އިތުރަށް ތަފްޞީލުވާ ބަސްތަކަށްވީމާ، ފަހުން އެބަސްތައް ބޭނުންކުރާއިރުގައި އެހާބޮޑު ބުރައެއް އުފުލާކަށް ނުޖެހޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. "އަދި އޭރުން ނޫހުގައިވެސް އެހާގިނަ ވާހަކަތައް ނުލިޔެ ސީދާ ޚަބަރު، ތަންކޮޅެއް ސާދާ ޚުލާޞާކޮށް އަޅުގަނޑުމެންނަށް ލިޔެވޭނެ" ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިތަޤްރީރަށްފަހު، ކޯހުގެ ބައިވެރިން ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވި ސުވާލުތަކަށް އެމަނިކުފާނު ޖަވާބު ދެއްވިއެވެ.