ނައިޖީރިއާގެ ރައީސް ޢުމަރު މޫސާ ޔާރުއަދުއާ، އަވަހާރަވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި މާދަމާ، 8 މޭ 2010ވާ ހޮނިހިރު ދުވަހުން ފެށިގެން 9 މޭ 2010ވާ އާދީއްތަ ދުވަހުގެ ނިޔަލަށް، ދިވެހި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހަމަޖައްސަވައިފިއެވެ. ރައީސް ޢުމަރު މޫސާ ޔާރުއަދުއާ އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއްވުމަށްފަހު އިއްޔެއެވެ.

ރައީސް ޢުމަރު މޫސާ ޔާރުއަދުއާ އަވަހާރަވި ޚަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެޤައުމުގެ މިހާރުގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ، ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ނަޖީރިއާގެ އާ ރައީސަށާއި، ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި ރައީސް ޔާރުއަދުއާ، އެމަނިކުފާނުގެ ހަޔާތްޕުޅު ހޭދަކުރައްވާފައިވަނީ ނައިޖީރީއާއަށް ފާގަތިކަމާއި ތަރައްޤީ ގެންނެވުމަށް ގެންގުޅުއްވި ފިކުރު ޙަޤީޤަތަކަށް ހެއްދެވުމުގައި ކަމަށާއި، އެހެންކަމުން، ރައީސް ޔާރުއަދުއާ އަވަހާރަވުމަކީ، ނައިޖީރިއާއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށް ދެކެވަޑައިގަންނަވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.