އަރިއަތޮޅު އުތުރުބުރީ ރަސްދޫ ބަނދަރު ހެދުމުގެ މަޝްރޫޢު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރަސްމީކޮށް މިއަދު ހަވީރު ފަށްޓަވައިދެއްވައިފިއެވެ.

މި މަސައްކަތް ފަށްޓަވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހާބަރ ޕްރޮގްރާމްގެ ދަށުން ރަސްދޫގައި ބަނދަރެއް ހެދުމަށް 2007 ވަނަ އަހަރު އޭރުގެ ސަރުކާރުން ފެށްޓެވި ކަމަށާއި، އެހެންނަމަވެސް އޭރު އެކަން ކުރެއްވީ ރަސްދޫ ރައްޔިތުންނާ މަޝްވަރާކުރެއްވުމަކާނުލާ ކަމުގައި ވިދާޅުވިއެވެ. އަދި އެ ބަނދަރުގެ އަގެއްގެ ގޮތުގައި އެއިރު ބަޖެޓް ކުރެއްވި އަގަކީ 16 މިލިއަން ރުފިޔާ ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ރަސްދޫގައި މިއަދު މިފެށްޓެވި މަޝްރޫޢުގެ ޖުމްލަ އަގަކީ ޖުމްލަ 26 މިލިއަން ރުފިޔާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން އެމަނިކުފާނު ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރަސްދޫއަކީ ބިމުގެ މައްސަލަ ވަރަށް ބޮޑު ރަށެއްކަން ފާހަގަކުރެއްވިއެވެ. އެހެންކަމާއެކު، ބަނދަރު ހެދުމަށް މިހާރު ނިންމާފައިމިވަނީ އެއްލައްކަ ފަސްދޮޅަސްހާސް އަކަފޫޓްގެ ބިން ރަށަށް ބޮޑުވާގޮތަށް ކަމަށާއި، އަދި ބޭރު ތޮށްޓަކާއެކީގައި ބަނދަރުހަދާގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން މަސައްކަތްކުރެއްވީ މިދިޔައަހަރު މަސައްކަތް ފެށްޓެވުމަށް ކަމަށާއި، އެހެންނަމަވެސް މިދިޔައަހަރު ދުނިޔެއަށް ދިމާވި އިޤްތިޞާދީ ހީނަރުކަމާއި، އަދި ރާއްޖޭގެ އިޤްތިޞާދީ ހާލަތު ހުރިގޮތާއި، ޚަރަދުބަރަދުގެ ކަންތައްތައް ހިންގާފައި ހުރިގޮތުގެ ސަބަބުން މަސައްކަތް ފެށްޓެވޭވަރު ނުވީ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްދޫއަށް ސަރުކާރުން ރާއްވަވާފައިވާ ބައެއް ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މިއަދު ވާހަކަފުޅު ދެއްކެވިއެވެ.

މިރަސްމިއްޔާތަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބުދެއްވިއެވެ. ނޫސްވެރިންގެ ސުވާލުތައް ބޮޑަށް ބިނާވެފައިވަނީ ރާއްޖޭގެ ސިޔާސީ މަސްރަޙުގެ މައްޗަށެވެ.

ރައީސުލްޖުމްހޫރިއްޔާ ރަސްދުއަށް ވަޑައިގެންނެވީ މިއަދު ހަވީރުގެ ވަގުތެއްގައެވެ.