އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ބިލް ތަޞްދީޤު ކުރައްވާނެ ކަމަށާއި، ވޯޓު ޙައްޤުވާ މީހުންގެ ދެބައިކުޅައެއްބައި މީހުންނަށް ވޯޓު ނުލެވޭގޮތަކަށް ކަންކަން އިންތިޒާމުކޮށްފައި އޮންނަ ބިލެއް ތަންފީޒުކުރުމަށް ފުރުސަތު ދެއްވުމަކީ، ކެރިވަޑައިގަންނަވާނެ ކަމެއް ނޫންކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިއަދު އެމަނިކުފާނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރައްޔިތުންގެ މަޖިލީހުން މިހާރު ފާސްކުރައްވާފައިވާ ރާއްޖޭގެ އިދާރީ ދާއިރާތައް ލާ މަރުކަޒީ އުސޫލުން ހިންގުމުގެ ބިލާއި، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލު ތަޞްދީޤު ކުރެއްވުމުގައި އެމަނިކުފާނުގެ ޚިޔާލުފުޅު ހުރި ގޮތް ހާމަކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބުގައި، ތަރައްޤީގެ މަޝްރޫޢުތައް އެންމެ ބާރަށް ހިންގޭނީ ވެރިކަމުގައި މާލޭގައި އެއްވެފައިހުރި ބާރުތައް 7 ސަރަޙައްދަކަށް ބަހާލައިގެން ކަމަށާއި، އެއީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އެންމެ ފައިދާހުރި ގޮތް ކަމުގައި ވިދާޅުވިއެވެ. އަދި ޕްރޮވިންސް ހައްދަވަން މި ސަރުކާރުން ނިންމެވީ، އެއްވެސް ހާލެއްގައި އެކަމުގައި ސިޔާސީ ފުރުސަތެއް، ސިޔާސީ ބޭނުމެއް އޮވެގެނެއް ނޫންކަން އެމަނިކުފާނު ހާމަކުރެއްވިއެވެ. ޕްރޮވިންސް ހެއްދެވުމުގެ ބޭނުންފުޅަކީ، ކުރީގައި އޮތްގޮތް ނޫން އެހެން ފުރިހަމަ، ފުޅާ ގޮތެއް ހޯއްދަވައިގެން އެގޮތަކަށް ގެންދެވުން ކަމަށާއި، އެމަނިކުފާނު ސަރުކާރު ހިންގެވުމާ ހަވާލުވެވަޑައިގަތީއްސުރެ މަސައްކަތްޕުޅު ކުރައްވަމުން ގެންދެވީ، މި ޕްރޮވިންސްގެ އުސޫލު ތަޢާރުފު ކުރައްވައި އެކަން ތަންފީޒު ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު އެކަން ވާންއޮތީ އިތުރު އެއް ޤާނޫނަށްފަހު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެހެންވީމާ، މި އެދިވަޑައިގަންނަވާ ފުރިހަމަ ބަދަލު ގެންނެވޭނީ އަދި ފަހުންކަން ބަޔާންކުރައްވަމުން، އެ ބިލް މިހާރު ފާސްވެފައި މިއޮތްގޮތަށް ބިލް ތަޞްދީޤު ކުރެއްވުމަށް ނިންމަވަނީކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އަދި މި ބިލް އިތުރަށް ލަސްކުރާން އުޅެފިނަމަ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ލިބޭނީ ފައިދާއަށްވުރެ ގެއްލުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ބިލް ތަޞްދީޤު ކުރެއްވުމަށްފަހުގައި މި ބިލުގައި ފުށުއަރާގޮތަށްހުރި ކަންކަން ވީހާވެސް އަވަހަށް ބަދަލުކޮށް، މިހާރު މިހުރި އޮނިގަނޑުގެ ތެރޭގައި މި ބިލަށް ގެނެވެންހުރި އިޞްލާޙުތަކެއް ގެންނެވުމަށް އުންމީދު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި އަނެއް ބިލް ކަމަށްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ބިލަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މި ބިލް މަޖިލީހުން ފާސްކުރައްވާފައިވާ ގޮތުން ވަރަށް ގިނަބަޔެއްގެ ޙައްޤު ގެއްލޭކަން ފާހަގަކުރެއްވިއެވެ. އެ ބިލުގައި އޮތްގޮތަށް ކަން ކުރިއަށް ގެންގޮސްފިނަމަ، ރަށްރަށުގެ ރައްޔިތުންގެ ތެރެއިން މާލޭގައި ދިރިއުޅޭ ރަށްރަށުގެ ރައްޔިތުންނަށް ވޯޓުލެވެނީ އެނބުރި ވޯޓުލާދުވަހު ރަށަށްގޮސްގެން ކަމަށާއި، އެހެންވީމާ ވޯޓު ޙައްޤުވާ މީހުންގެ ދެބައިކުޅައެއްބައި މީހުންނަށް ވޯޓު ނުލެވޭގޮތަކަށް ކަންކަން އިންތިޒާމުކޮށްފައި އޮންނަ ޤާނޫނެއް ތަންފީޒުކުރުމަށް ފުރުސަތު ދެއްވުމަކީ، އެންމެފަހު ވަގުތު ނޫނިއްޔާ ދެން އެހެންގޮތެއް އެމަނިކުފާނަށް ނެތުނީމާ ނޫނިއްޔާ އެމަނިކުފާނު ކުރައްވައިގެންވާނެ ކަމެއް ނޫންކަމުގައި ވިދާޅުވިއެވެ. އަދި އެބިލް ތަޞްދީޤުކުރައްވަން ކެރިވަޑައެއް ނުގަންނަވާނެކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްވި ރޭޑިޔޯ ޙިޠާބުގައި، ގޭތެރޭގެ ހަމަނުޖެހުމާއި، އަރާރުމާއި، ޒުވާބުކުރުމާއި އަދި އަނިޔާކުރުމާއި، އަންހެނުންނަށް ފޮށުމާއި، އަދި އަންހެނުންނަށް ނިކަމެތިކޮށް ހިތުމާއި، އަންހެނުންނާ ގުޅޭގޮތުން މިބާވަތުގެ އެތައްއެތައް ކަމެއް ހިނގަމުންދާތީވެ، އެކަންކަމަށް ހުއްޓުމެއް ގެނައުމުގެ އުންމީދުގައި ޑީ.އާރު.ޕީ.ގެ އަންހެން ގޮފިން ޤާނޫނެއް އެކުލަވާލުމުގެ މަސައްކަތް ހިނގަމުންދާތީ އެކަން ފާހަގަކުރެއްވިއެވެ. ސަރުކާރުންވެސް މި ބާވަތުގެ ޤާނޫނެއް އެކުލަވާލެއްވުމުގެ މަސައްކަތް އޮތީ ގާތްގަނޑަކަށް ނިމިފައި ކަމަށާއި، އެހެންނަމަވެސް، ސަރުކާރުން އެކުލަވާލައްވާ ޤާނޫނަށްވުރެ، ވާދަވެރި ފަރާތަކުން މިކަހަލަ ކަމަކާ ގުޅޭގޮތުން އެކުލަވާލައްވާ ޤާނޫނަކަށް ޢަމަލުކުރުމަށް މަސައްކަތްކުރެއްވުން މާބުއްދިވެރި ކަމަށް އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި އޭރުން އެކަމުގައި މާރަނގަޅު ޙައްލެއް ހޯދިދާނެކަމަށްވެސް ވިދާޅުވިއެވެ. އަދި، ޑީ.އާރު.ޕީ.ގެ އަންހެންގޮފީގެ ރައީސާ ދުންޔާ މައުމޫން އެކުރައްވާ މަސައްކަތްޕުޅަށް ވެވަޑައިގެންނެވި މިންވަރަކުން ތަރުޙީބު ދެއްވަން ބޭނުންފުޅު ކަމަށާއި، އެ ބިލް ދާދިއަވަހަށް މަޖިލީހަށް ހުށަހެޅިގެން ދާނެކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އިއްޔެ ފެށުނު ރަސްދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ރަސްދޫގައި ހިންގުމަށް ވަޢުދުވެފައިހުރި ގާތްގަނޑަކަށް ހުރިހާ ކަމެއްގެ ތެރެއިން މިހާރު އޮތީ ފަންސަވީސް ފްލެޓު އެޅުމާ ގުޅޭގޮތުން އޮތް މަސައްކަތް އެކަނި ކަމުގައި ވިދާޅުވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ކުރިއަށް މިއޮތް މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި ވަރަށްގިނަ މަސައްކަތްތައް ފަށައިގަނެވޭނެ ކަމުގައި ވިދާޅުވިއެވެ. "މީގެތެރެއިން ބައެއް މަސައްކަތް މިހާރުހުރީ ޓެންޑަރުގައި. އަނެއްބައި މަސައްކަތްހުރީ އެގްރީމަންޓުގައި. އަނެއްބައި މަސައްކަތްހުރީ އެގްރީމަންޓްކޮށް ނިމި، ފަށައިގަތުމަށް އެއޮތް މަރްޙަލާ ލިބޭ ހިސާބުގައި" ކަމަށް ރައީސް ވިދާޅުވިއެވެ.

މި މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެކަމަށް ޔަޤީން ކުރައްވާ ކަމަށާއި، އެ މަޖިލީހުގެ އެއްބާރުލެއްވުން ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވާ ބައެއް ޕާޓީތަކާ އެމް.ޑީ.ޕީއިން ވާހަކަ ދައްކަމުން ގެންދާކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.