ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިޓަލީވިލާތުގެ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަދި ޕާލަމެންޓްގެ މިހާރުގެ މެންބަރެއް ކަމުގައިވާ ޖިއާނީ ވަނެޓީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ދެޤައުމުގެ ގުޅުމާއި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކާބެހޭގޮތުންނެވެ.

ޖިއާނީ ވަނެޓީ ދެއްކެވި ވާހަކަފުޅުގައި، ކޯޕަންހޭގަންގައި ބޭއްވުނު މޫސުމާބެހޭ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާވަނީ ވަރަށް އިސް ދައުރެއް އަދާކުރައްވާފައި ކަމުގައި ވިދާޅުވެ، އެމަނިކުފާނަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވިއެވެ. އަދި، ވަކިން ޚާއްޞަކޮށް އެޖަލްސާގައި ކުދި ޤައުމުތަކުގެ އަޑު އިއްވަވައިދެއްވުމަށް އެމަނިކުފާނު ކުރައްވާފައިވާ މަސައްކަތްޕުޅުތައް ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކަކީ، ރާއްޖެފަދަ ޤައުމުތަކުގެ ދެމިއޮތުމާ ގުޅުންހުރި ކަމަކަށްވާތީވެ މިކަމަށް އަވަސް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި، ދުނިޔޭގެ ޤައުމުތަކުގެ މެދުގައި މިކަމާގުޅޭގޮތުން އެއްބަސްވުމަކަށް އައުމަށްޓަކައި، މެކްސިކޯ ސަމިޓްގެ ކުރިންވެސް ޤައުމުތަކުން މަސައްކަތްކުރަމުން ގެންދިޔުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހިމް ޙުސައިން ޒަކީއާއި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ އަޙްމަދު ޝަހީދު ބައިވެރިވެވަޑައިގެންނެވިއެވެ.