ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ނޭޝަނަލް ސެކިއުރިޓީ އެކްޓް އެސެސްމަންޓްގެ ވަފުދުގެ ބޭފުޅުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާބެހޭ އޮނިގަނޑު އިތުރަށް ފުރިހަމަ ކުރުމުގައި، އެމެރިކާއިން އެހީތެރިކަން ފޯރުއްވައިދެއްވިދާނެ ގޮތްތަކާ ބެހޭގޮތުންނެވެ.

މި ބައްދަލުކުރެއްވުމުގައި، ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ރާއްޖެއިން މިވަގުތު އެންމެ ބޮޑަށް އިސްކަންދޭންޖެހޭ ދާއިރާތަކާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، މި ސަރަޙައްދަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ބިރުވެރިކަމާއި، އިންޑިޔާ ކަނޑުގައި ޢާންމު ވެފައިވާ ކަނޑުފޭރުމުގެ މައްސަލައާއި، މަސްތުވާތަކެތީގެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޤައުމީ ސަލާމަތާބެހޭ އޮނިގަނޑު އިތުރަށް ވަރުގަދަ ކުރުމުގައި، މި ކަންކަމާ ދެކޮޅަށް އެންމެ ފުރިހަމަ ގޮތެއްގައި ހަރަކާތްތެރިވެވޭނެ ގޮތްތަކެއް އެކަށައެޅުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ އޮނިގަނޑު އިތުރަށް ވަރުގަދަ ކުރުމުގައި އެމެރިކާއިން ރާއްޖެއަށް އެހީތެރިކަން ފޯރުވައިދެވިދާނެ ގޮތްތަކާބެހޭގޮތުން މި ވަފްދުގެ ބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ.

މި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ، ރާއްޖެއަށާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ހުންނަވާ އެމެރިކާގެ ޑިފެންސް އެންޑް ސެކިއުރިޓީ އެޓާޝޭ ލެފްޓިނެންޓް ކާނަލް ލޯރެންސް ސްމިތާއި، އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ޑިފެންސް އިންސްޓިޓިއުޝަނަލް ރިފޯމް އިނިޝިއޭޓިވްގެ ޖޯން ހެންސަންއާއި، ކެރީ ހެންސަންއާއި، ޕެސިފިކް ކޮމާންޑްގެ މޭޖަރ ޝޯން ނޮވްލަން އަދި އެމެރިކާގެ ޖޮއިންޓް އިންޓަރއޭޖެންސީ ޓާސްކް ފޯސް ވެސްޓްގެ ފަރާތުން ޝެޒީ ޚާންއެވެ.

މި ބައްދަލުކުރެއްވުމުގައި، ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބްރާހީމް ޙުސައިން ޒަކީއާއި، ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރ އޮން ޕޮލިޓިކަލް އެފެއާޒް ޙަސަން ޢަފީފް ބައިވެރިވެވަޑައިގެންނެވިއެވެ.