ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، 16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބޫޓާނަށް ކުރެއްވި ދަތުރުފުޅާއި، ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ބޫޓާނަށް ކުރެއްވި ދަތުރުފުޅުގައި ސާކު ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރަށް، މި ސަމިޓްގައި ބައިވެރިވެވަޑައިގެންނެވުމަށް ބޫޓާނަށް ވަޑައިގެންނެވި މި ސަރަޙައްދުގެ ޤައުމުތަކުގެ އެންމެ އިސްވެރިންނާ ބައްދަލުކުރެއްވިއެވެ.

ބޫޓާނުން ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތީ ޗައިނާގެ ޝެންގހާއީއަށެވެ. މި ދަތުރުފުޅުގައި ޗައިނާގެ ރައީސް ހޫ ޖިންޓާއޯއާ ބައްދަލުކުރައްވައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ "ޝެންގހާއީ ވޯލްޑް އެކްސްޕޯ 2010"އަށް ޒިޔާރަތް ކުރައްވައި، މި އެކްސްޕޯގައި ހުރި ރާއްޖޭގެ ޕެވިލިއަން ހުޅުއްވައިދެއްވިއެވެ. އަދި މި އެކްސްޕޯގައި ހުރި ޗައިނާގެ ޕެވިލިއަންއަށް ޒިޔާރަތް ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދަތުރުފުޅުގައި މާލެއިން ފުރާވަޑައިގަތީ އޭޕްރީލް މަހުގެ 26ވަނަ ދުވަހުގެ ހެނދުނުއެވެ.