ސީ.އެން.އެން.އިންޓަރނޭޝަނަލުން ބޭއްވި ތިމާވެށްޓާބެހޭ ޕެނަލް ޑިސްކަޝަން "ދަ ސްޕެޝަލް ޑިބޭޓް ފޮރ އާރތްސް ފްރަންޓިއާރޒް: ދަ ފިއުޗަރ އޮފް އެނަރޖީ" ގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައިވެރިވެވަޑައިގެންފިއެވެ. މި ޕެނަލް ޑިސްކަޝަން ރެކޯޑު ކުރުން އޮތީ، ދެކުނު ކޮރެއާއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ދަތުރުފުޅުގައި މިމަހުގެ 22 ވަނަ ދުވަހުއެވެ.

މި ޕެނަލް ޑިސްކަޝަންގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ހޮލީވުޑްގެ މަޝްހޫރު ފިލްމް ޑައިރެކްޓަރ އަދި އެންވަރަންމެންޓަލިސްޓް ޖޭމްސް ކެމަރަންއާއި، ޕޫމާ ކުންފުނީގެ ސީ.އީ.އޯ. ޖޯޝެން ޒީޓްޒްއާއި، ދަ ކްލައިމެޓް ގްރޫޕްގެ ޗައިނާ ޑިރެކްޓަރ ޗެންގުއާ ވޫ ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޕެނަލް ޑިސްކަޝަންގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ދުނިޔޭގެ އެންމެ ގިނައިން ޖައްވަށް ކާބަން ދޫކުރާ ޤައުމުތަކުން، ތިމާވެށްޓާ ރައްޓެހި ހަކަތައާއި، ތިމާވެށްޓާ ރައްޓެހި އެހެން ގޮތްތައް ހޯދަންވީ ވަގުތު ކަމުގައި ވިދާޅުވިއެވެ. އަދި، މި ޤަރުނުގެ މެދަކާ ހަމައަށްދާއިރު، ދުނިޔޭގެ ގިނަ ޤައުމުތަކަށް ކާބަން ނިއުޓްރަލް ނުވެވިއްޖެނަމަ، ދުނިޔޭގެ ސަލާމަތަށް ކުރެވޭ އުންމީދު ވަރަށް ކުޑަވެގެން ދާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަކީ ހަމައެކަނި ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ މައްސަލައެއް ނޫން ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، މިޤައުމުތަކަކީ މި މައްސަލަ ޙައްލުކުރުމުގެ ކުޅަދާނަކަން އެންމެ ބޮޑަށް ލިބިފައިވާ ޤައުމުތައް ކަމަށްވާތީ، ތަރައްޤީވެފައިވާ ޤައުމުތަކުން، މިކަންތައް ޙައްލުކުރުމަށް މަސައްކަތް ކުރުމުގައި ތަރައްޤީވަމުން އަންނަ ޤައުމުތަކަށް އެހީތެރިކަން ފޯރުވައިދިނުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.

މި ޕެނަލް ޑިސްކަޝަންއަކީ، ދުނިޔޭގައި "އާރތް ޑޭ" ފާހަގަކުރަމުން އަންނަތާ 40 އަހަރު ފުރުމާ ގުޅިގެން، ސީ.އެން.އެން.އިންޓަރނޭޝަނަލުން ކުރިއަށްގެންދާ ތިމާވެށްޓާ ގުޅޭ އެއް ހަފްތާގެ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނިގެން ގެނެސްދިން ޚާއްޞަ ޕެނަލް ޑިސްކަޝަންއެކެވެ. މި ޕެނަލް ޑިސްކަޝަން ހުށަހަޅައިދިނީ ސީ.އެން.އެން.ގެ އެނާ ކޯރެންއެވެ.

މި ޕްރޮގްރާމް ސީ.އެން.އެން.އިން ފުރަތަމަ ދެއްކީ، ރާއްޖޭ ގަޑިން މިއަދު ހަވީރު 5.30 ގައެވެ. މި ޕްރޮގްރާމްގެ ފަށްކުރުމެއް މިރޭ ރާއްޖޭ ގަޑިން 9.30 ގައި ސީ.އެން.އެން.އިން ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، އަންނަ މެއި މަހުގެ 1 ވަނަ ދުވަހު ރާއްޖޭ ގަޑިން މެންދުރު 12.30 ގަޔާއި، އެރޭ 10.30 ގަޔާއި، އަދި އެރޭ މެންދަމު 1 ޖަހާއިރުވެސް މި ޕްރޮގްރާމް ފޮނުވާނެއެވެ. އަދި މެއި 2 ވަނަ ދުވަހުގެ ހެނދުނު 7.00 ގަޔާއި، އެދުވަހުގެ މެންދުރު 12.30 ގަޔާއި، އެރޭ 8 ޖަހާއިރުވެސް މި ޕްރޮގްރާމް ދެއްކުމަށް ހަމަޖެހިފައިވެއެވެ.