މާދަމާ ރައީސުލްޖުމްހޫރިއްޔާ ދެއްވާ ރޭޑިޔޯ ޚިޠާބުގައި، މިއަދު ނިމުނު 16 ވަނަ ސާކް ސަމިޓުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލައްވާނެއެވެ. އަދި އެމަނިކުފާނު، މާދަމާ ޗައިނާއަށް ފަށްޓަވާ ދަތުރުފުޅުގެ މައްޗަށާއި، އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވަމުން ގެންދަވާ އެކި ދަތުރުފުޅުތައް ކުރެއްވުމުގެ ޙަޤީޤީ ބޭނުންފުޅުގެ މައްޗަށްވެސް ބައްލަވާލައްވާނެއެވެ.

މީގެއިތުރުން، އަންހެންކުދިންނާމެދު އެކި ފަރާތްތަކުން ބަދުއަޚްލާޤީ ޢަމަލުތައް ހިންގަމުން ގެންދާތީ، އެކަންކަން ހުއްޓުވުމަށް ސަރުކާރުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެކަމާއި، އެކަންކަމާ އަޅުއްވައިނުލައްވައި ދޫކޮށްނުލައްވާނެކަން ބަޔާންކުރައްވާވެސް ރައީސުލްޖުމްހޫރިއްޔާ މާދަމާ ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރޭޑިޔޯ ޚިޠާބު، ދިވެހިރާއްޖޭގެ އަޑުން ފޮނުއްވާނީ، މާދަމާ ހެނދުނު 10 ޖަހާއިރުއެވެ.