ދެކުނު އޭޝިޔާ ސަރަޙައްދަކީ ގިނަގުނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ސަރަޙައްދެއް ކަމަށާއި، އެހެންނަމަވެސް ސަރަޙައްދުގެ ހުރިހާ ޤައުމެއް އެކުއެކީގައި، ކޮނޑާ ކޮނޑު ޖައްސައި މަސައްކަތްކޮށްފިނަމަ، މި ގޮންޖެހުންތައް ފުރުޞަތުތަކަކަށް ހެދިދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 16ވަނަ ސާކް ސަމިޓްގެ ނިންމުމުގެ ރަސްމިއްޔާތުގައި ޝުކުރު އަދާކުރެއްވުމުގެ ގޮތުން މިއަދު ހަވީރު ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިންޑިޔާއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ދެބަސްވުންތައް އެކަހެރިކޮށް، ސަރަޙައްދުގެ ރައްޔިތުންގެ ފައިދާއަށްޓަކައި ސާކަށް އާ ބާރެއްލުމަށް އެދެޤައުމުން ނިންމައި އެކަން ދައްކައިދީފައިވާތީ ވަރަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ޤައުމުތަކުގެ މެދުގައިވާ އެކުވެރިކަމާއި އެއްބައިވަންތަކަން، ތަފާތު ދާއިރާތަކެއްގައި ކުރިއެރުވުމަށް ޤައުމުތަކުގެ ވެރިން ބޭނުންފުޅުވާ މިންވަރު މިފަހަރުގެ ސާކް ސަމިޓުން ފެނިވަޑައިގެންނެވި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސާކް ޤައުމުތަކުގެ މެދުގައި މިވާ އެއްގޮތް ކަންތައްތަކާއި، އިޤްތިޞާދީ އަދި އިންސާނީ ވަސީލަތްތަކުގެ ފުޅާކަމާއި، ވެރިންގެ މެދުގައި އެކުގައި މަސައްކަތް ކުރުމުގެ ރޫޙުެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަންތައްތަކާއެކީގައި، ރައްޔިތުންގެ ހާލަތު ރަނގަޅުކުރުމާއި، ހަމަހަމަ މުޖްތަމަޢުތަކެއް ބިނާކުރުމާއި، ޑިމޮކްރަސީ ހަރުދަނާކުރުމާއި، އަދި ބައިނަލްއަޤްވާމީ މައިދާނުގައި މިހާރަށްވުރެ ބޮޑު ދައުރެއް މި ސަރަޙައްދު އަދާކުރުންފަދަ ކަންކަން ޙާޞިލު ކުރެއްވިދާނެކަމަށް ޔަޤީންކުރައްވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް، މިކަންތައްތައް ޙާޞިލު ކުރެވޭނީ ލިބިފައިމިވާ ހުރިހާ ވަސީލަތްތަކުގެ ބޭނުން ހިފައިގެން، އަދި ނަތީޖާ ނެރެވޭފަދަ ގޮތަކަށް މަސައްކަތްކޮށްގެން ކަމަށާއި، ސާކް އުފެދުނުތާ 25 އަހަރު ފާހަގަކުރާއިރު މިކަންކަމަށް ވިސްނައި ރަނގަޅުކުރަންވީ ކަންތައްތައް ދެނެގަތުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

16ވަނަ ސާކް ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގައި، ވިޔަފާރީގެ އެއްބަސްވުމެއްގަޔާއި، ތިމާވެށީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާބެހޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ސާކުގެ ޚާރިޖީ ވަޒީރުން ސޮއިކުރެއްވިއެވެ. އަދި، 17ވަނަ ސާކް ސަމިޓްގެ ޤަރާރުވެސް ފާސްކުރެވުނެވެ.

17ވަނަ ސާކް ސަމިޓް ބޭއްވެވުމަށް ނިންމެވީ ދިވެހިރާއްޖޭގައެވެ.

ސާކު ސަމިޓުގެ ނިންމުމުގެ ރަސްމިއްޔާތުގެ ކުރިން، ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ނުރަސްމީ ވާހަކަފުޅުތަކުގައި، ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެން، ސަރަޙައްދުގެ އެކިއެކި މައްސަލަތައް ޙައްލުކުރެއްވުމަށް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ޚިޔާލުފުޅުތައް ހުށަހެޅުއްވިއެވެ.