ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ، ބޫޓާނުގެ ރަސްގެފާނު ޖިގްމޭ ޚޭސަރ ނަމްގްޔޭލް ވަންގޗުކްއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު، ސާކް ވިލެޖްގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ "މޯލްޑިވްސް ހައުސް"ގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ބޫޓާނާ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޫޓާނުގެ ރަސްގެފާނު މަޝްވަރާ ކުރެއްވިއެވެ. މީގެއިތުރުން، 16 ވަނަ ސާކް ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ބޫޓާނުގެ ރަސްގެފާނު މަރުޙަބާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރަސްގެފާނު ވަންގްޗުކްގެ އިސްނެންގެވުމުގެ މަތިން، ބޫޓާނަށް ޑިމޮކްރެޓިކް އިޞްލާޙް ގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ރަސްގެފާނަށް މަރުޙަބާ ވިދާޅުވިއެވެ. އަދި ސާކްގެ ރިޔާސަތާ ބޫޓާނު ހަވާލުވެވަޑައިގަތުމާގުޅިގެން މަރުޙަބާ ވިދާޅުވެ، ބޫޓާނުގެ ރިޔާސަތުގެ ދަށުން ސާކަށް އިތުރު ކުރިއެރުން ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރަޙައްދީ ކަންކަމުގައި ސާކަކީ ޙަރަކާތްތެރި ޖަމާޢަތަކަށް ހެއްދުވުމުގެ މުހިންމު ކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން، ވިޔަފާރިއާއި، މެންބަރުގެ ޤައުމުތަކުގައިވާ ދަތުރުފަތުރުގެ ގުޅުން އިތުރަށް ފުޅާ ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސާކް ޑިވެލޮޕްމަންޓް ފަންޑް ބޫޓާނުގައި ޤާއިމްކުރުމަށް ކަނޑައެޅިގެންދިޔުމާއި، މި ފަންޑްގެ ސީ.އީ.އޯ.އަކަށް ބޫޓާނުގެ ބޭފުޅަކު ހަމަޖެހިގެން ދިއުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ، ބޫޓާނުގެ ރަސްގެފާނަށާއި ބޫޓާނަށް މަރުޙަބާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބޫޓާނުގެ ރަސްގެފާނު ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުގައި ޑިމޮކްރަސީ ހަރުދަނާކޮށް އަށަގެންނެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާއި، މިގޮތުން މި ކަމަށް، އެކަށީގެންވާ މަރުކަޒުތައް ޤާއިމްވެފައި ނެތްކަން ފާހަގަ ކުރެއްވިއެވެ. އަދި، ސާކުގެ ޤައުމުތަކުގެ މެދުގައިވާ ދަތުރުފަތުރުކުރުމުގެ ގުޅުން އިތުރަށް ފުޅާ ކުރެއްވުމުގެ މުހިންމު ކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅަށް ތާއީދު ކުރައްވާ ކަމުގައި ރަސްގެފާނު ވަންގްޗުކް ވިދާޅުވިއެވެ. މީގެއިތުރުން، ސާކުގެ މެންބަރު ޤައުމުތައް، އެއް ޤައުމު އަނެއް ޤައުމަށް ބަރޯސާވުން އިތުރު ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ބޫޓާނުގެ ރަސްގެފާނު ވާހަކަފުޅުދެއްކެވިއެވެ.

16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ބޫޓާނަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ ސާކްގެ ޤައުމުތަކުގެ އިސްވެރިންގެ ޝަރަފުގައި، ބޫޓާނު ބޮޑުވަޒީރު ރޭ ދެއްވި ރޭގަނޑުގެ ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.