ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންހާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ބޫޓާނުގެ މިއަދު ފެށުނު 16 ވަނަ ސާކް ސަމިޓްގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ސާކު ސަމިޓް ހިނގަމުންދާ ބޫޓާނުގެ ގްރޭންޑް އެސެމްބްލީ ހޯލުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އިންޑިޔާއާ ދެމެދު މަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހި ކުރެއްވުމާއި، ރާއްޖޭގެ މަތީ ތަޢުލީމުގެ ދާއިރާ ކުރިއެރުވުމަށް އިންޑިޔާގެ އެހީތެރިކަން ހޯއްދެވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޮޑުވަޒީރު މަންމޯހަން ސިންހް މަޝްވަރާ ކުރެއްވިއެވެ.

މި ގޮތުން، ރާއްޖޭގައި ކޮލެޖް ލެކްޗަރަރއިން ލިބުމުގެ ދަތިކަން ފޫބެއްދުމަށް، އިންޑިޔާގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، މިކަން ފޫބެއްދުމަށް، އިންޑިޔާއިން ރާއްޖެއަށް އެހީތެރިކަން ފޯރުއްވައިދެއްވާނެ ކަމުގައި ބޮޑުވަޒީރު މަންމޯހަން ސިންހް ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ރާއްޖޭގައި ހިންގަމުންދާ އައި.އެމް.އެފް.ގެ ޕްރޮގްރާމް ހިނގަމުން ދާގޮތުން މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާ، އިންޑިޔާގެ ބޮޑުވަޒީރަށް އެރުއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާގެ ވަރަށް ގިނަ ކުންފުނިތަކަކުން ރާއްޖޭގައި އިންވެސްޓް ކޮށްފައިވާ ކަމަށާއި، އިތުރު ކުންފުނި ތަކުންވެސް ރާއްޖޭގައި އިންވެސްޓް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާކަމުގައި ވިދާޅުވިއެވެ. އަދި މިއީ ރާއްޖެއާއި އިންޑިޔާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވަމުން ދާކަމުގެ ނިޝާނެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާއާއި، އިންޑިޔާގެ ބޮޑުވަޒީރު، މޫސުމަށް އަންނަ ބަދަލުތަކާއި، ދެ ޤައުމުގެ ދެމެދުގައި ސަލާމަތީ ކަންކަމުގައި އެއްބާރުލުމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.