މޫސުމަށް އަންނަ ބަދަލުތަކުގައި ސާކުން ގެންގުޅޭ ވިސްނުމަކީ އެކަމުގެ ފައިދާ ސަރަޙައްދުގެ ހުރިހާ ޤައުމަކަށް ލިބިގެންދާނެ ވިސްނުމަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިމޭރުމުން ވާހަކަފުޅު ދެއްކެވީ، މިއަދު އަފްޣާނިސްތާނުގެ ރައީސް ޙާމިދު ކަރުޒާއީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

ސާކް ވިލެޖްގައި އަފްޣާނިސްތާނުގެ ރައީސް ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ "އަފްޣާނިސްތާން ހައުސް"ގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭގޮތުންނެވެ. މިގޮތުން، މޫސުމަށް އަންނަ ބަދަލުތަކަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ ބަހުސްތަކުގައި ސާކުގެ ހުރިހާ ޤައުމުތަކުން އެއް ވިސްނުމަކަށް އައުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ތަކުރާރުކޮށް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަފްޓާ ނުވަތަ ސައުތު އޭޝިއަން ފްރީ ޓްރޭޑް އޭރިއާގެ އެއްބަސްވުމުގެ ދަށުން، ޤައުމުތަކުގެ މެދުގައި ވިޔަފާރި ފުޅާކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.

އަފްޣާނިސްތާނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، އަފްޣާނިސްތާނަކީވެސް މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ފޯރަމުންދާ ޤައުމެއްކަމުގައި ވިދާޅުވިއެވެ. މިގޮތުން، އެޤައުމުގައި ހަނަފަސްކަން އިތުރުވެ، ފެންލިބޭ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ މަޢުލޫމާތު، އަފްޣާނިސްތާނުގެ ރައީސް، ރައީސުލްޖުމްހޫރިއްޔާގެ އަރިހުން އޮޅުއްފިލުއްވިއެވެ.

މި ކަންކަމުގެ އިތުރުން، ޓެރަރިޒަމާއި ދީނީ ގޮތުން ހައްދު ފަހަނަޅައިދިއުމާއި، މިސަރަޙައްދުގައި މިކަންކަން ފެތުރިފައިވާ މިންވަރާއި، މިކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ، ޖަޕާނުގެ ޕާލަމެންޓަރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިޒް ޗިނަމީ ނިޝިމޫރާއާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުން އޮތީ، ސާކް ވިލެޖްގައި ރައީސުލްޖުމްހޫރިއްޔާ ހުންނަވާ "މޯލްޑިވްސް ހައުސް"ގައި އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި މިޒް ނިޝިމޫރާ ދެއްކެވި ވާހަކަފުޅުގައި، ޖަޕާނާއި ރާއްޖެއަކީ ވަރަށް ގާތް ރަޙްމަތްތެރި ދެޤައުމުކަން ފާހަގަކުރައްވައި، މިގުޅުން އިތުރަށް ދަމަހައްޓައި، އިތުރު ދާއިރާތަކުން މިގުޅުން ފުޅާކުރުމަށް ޖަޕާނުން ބޭނުންވާ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމާއެކު ރާއްޖެއަށް ޑިމޮކްރަސީ ގެނެވިފައިވާކަން ފާހަގަ ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ ވެރިކަމުގައި ރާއްޖޭގައި ޑިމޮކްރަސީ އިތުރަށް ފުރިހަމަވަމުން އަންނަކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެންމެ ކުޑަކޮށް ތަރައްޤީ ވެފައިވާ ޤައުމުތަކުގެ ލިސްޓުން، ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ލިސްޓަށް ރާއްޖެ ބަދަލުވެގެން ދިއުމުގެ އެންމެ ބޮޑު ސަބަބަކީ، ޖަޕާނުން ރާއްޖެއަށް ފޯރުވައިދީފައިވާ އެހީތެރިކަން ކަމުގައި ވިދާޅުވެ، މިކަމަށްޓަކައި ޖަޕާނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކޯޕަންހޭގަންގައި ބޭއްވުނު އ.ދ.ގެ މޫސުމާބެހޭ ވާހަކަތަކުގައި ރާއްޖެއިން ގެންގުޅު ވިސްނުމަށް ތާއީދުކުރި މަދު ލީޑަރުންގެ ތެރޭގައި ޖަޕާނުގެ ބޮޑުވަޒީރު ހިމެނިވަޑައިގަންނަވާކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ އިތުރަށް ކުރިއަރުވައި، ރާއްޖޭގެ ކަނޑުތަކުން ބޭނޭ މަހުގެ އަދަދު ދަށްވަމުންދާ ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށް ޖަޕާނުގެ އެހީތެރިކަމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.