ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، 16 ވަނަ ސާކް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް މިހާރު ބޫޓާނަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ސައުތު އެންޑް ސެންޓްރަލް އޭޝިޔަން އެފެއާޒް ރޮބަރޓް ބްލޭކާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އޮތް މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއީ ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ސާކް ސަމިޓް ކަން ފާހަގަ ކުރައްވައި، އެހެން ސާކް ސަމިޓްތަކާ ޚިލާފަށް މި ސާކް ސަމިޓަކީ ނަތީޖާ ނެރެވޭ ސާކް ސަމިޓަކަށް ހައްދަވަން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ސާކް ޤައުމުތަކުގެ މެދުގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އެއް ވިސްނުމަކަށް އައުމުގެ މުހިންމު ކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

ރޮބަރޓް ބްލޭކް ދެއްކެވި ވާހަކަފުޅުގައި، މި އަހަރުގެ މާޗް މަހު ރާއްޖޭގައި ބޭއްވުނު މޯލްޑިވްސް ޑޯނަރ ކޮންފަރެންސުގެ ކާމިޔާބީއަށް ބައްލަވާލެއްވިއެވެ. މި ކޮންފަރެންސްގައި، އެމެރިކާއިން ރާއްޖެއަށް ދިނުމަށް ކަނޑައެޅި އެހީތަކަކީ ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ދޭން ކަނޑައަޅާފައިވާ އެހީތަކެއް ކަމުގައި އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދުރުވިސްނެވުމާއި، އިސްނެންގެވުމާއެކު މިއެހީގެ ފުރިހަމަ ފައިދާ ރާއްޖެއަށް ލިބިގެންދާނެގޮތަކަށް މި އެހީ ބޭނުން ކުރެވޭނެ ކަމުގައި ޔަޤީންކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ކޯޕަންހޭގަންގައި އޮތް އ.ދ.ގެ މޫސުމާބެހޭ ބައްދަލުވުމުގައި ކުރެއްވި މަސައްކަތްޕުޅުތަކަށް ތަޢުރީފް ކުރައްވައި، އެ މަސައްކަތްޕުޅުގެ އަގު އެމެރިކާގެ ރައީސާއި ޚާރިޖީ ވަޒީރު ވަޒަން ކުރައްވާކަމުގައިވެސް ރޮބަރޓް ބްލޭކް ވިދާޅުވިއެވެ.

މީގެ އިތުރުން، ދެކުނު އޭޝިޔާގައި މިވަގުތަށް އެންމެ މުހިންމު ސަރަޙައްދީ މައްސަލަ ތަކާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.