ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ބޫޓާނުގެ ބޮޑުވަޒީރު ލިޔޮންޗޮން ޖިގްމީ ޔޮއެޒަރ ތިންލޭއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު، ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ އިސްވެރިން ތިއްބެވުމަށް ބޫޓާނުން ހަދާފައިވާ ސާކް ވިލެޖްގައި ރައީސުލްޖުމްހޫރިއްޔާ ހުންނެވުމަށް ޚާއްޞަ ކުރެވިފައިވާ "މޯލްޑިވްސް ހައުސް"ގައި އޮތް މިބައްދަލުކުރެއްވުމުގައި، މީގެ ކުރީގެ ސާކު ސަމިޓްތަކާ ހިލާފަށް މިއަހަރުގެ ސަމިޓަކީ ނަތީޖާ ނެރެވޭ ސަމިޓަކަށް ހެއްދެވުމުގެ މުހިންމު ކަމާބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މާދަމާ ފެށޭ 16 ވަނަ ސާކް ސަމިޓްގެ މައިގަނޑު ތީމެއްގެ ގޮތުގައި ތިމާވެށި ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވަމުން، ރާއްޖެ ފަދަ ކުދި ޤައުމުތަކުގެ ސަލާމަތަށްޓަކައި، ތަރައްޤީ ވެފައިވާ ޤައުމުތަކާއި، ތަރައްޤީ ވަމުން އަންނަ ޤައުމުތަކުންވެސް ޖައްވަށް ދޫކުރާ ކާރބަންގެ މިންވަރު މަދުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މައްޗަށް ދިޔަނުދިނުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މަސައްކަތް ކުރަންޖެހޭ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ސާކް ސަމިޓްގެ ތީމެއްގެ ގޮތުގައި ސާކުން ހަމަޖައްސާފައިވަނީ "ޓްވޯރޑްސް އަ ގްރީން އެންޑް ހެޕީ ސައުތު އޭޝިޔާ" ނުވަތަ ފެހި އަދި އުފާވެރި ދެކުނު އޭޝިއާ އަކަށް، މި ތީމެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުގައި މިހާރު ކުރިއަށްދާ ހައިޑްރޯ ޕަވަރ ބޭނުން ކޮށްގެން ކަރަންޓް އުފައްދުމުގެ މަޝްރޫޢަށް ތަޢުރީފު ކުރައްވިއެވެ. އަދި މިކަމަކީ މުޅި ސާކަށް އެކަމުގެ ފައިދާ ލިބިގެންދާނެ ކަމެއްކަމަށާއި، މި މަޝްރޫޢު އިތުރަށް ކުރިއެރުވުމަށް، އިތުރު އިންވެސްޓްމަންޓްތައް ހޯއްދެވުމުގައި މަސައްކަތް ކޮށްދެއްވުމަށް ރާއްޖެއިން ބޭނުންފުޅުވާކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ބޫޓާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، މޫސުމަށް އަންނަ ބަދަލުތައް ހުއްޓުވުމަށް ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް އެކަށީގެންވާ މަސައްކަތް ކުރަންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމަށް ތާއީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި މިކަމުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް ބޫޓާނުން އެއްބާރުލުންދީ ރާއްޖެއާއެކު މަސައްކަތް ކުރާނެ ކަމުގައި ވިދާޅުވިއެވެ.

ބޫޓާނާއި ރާއްޖެއާ ދެމެދު ޤުދުރަތީ ގޮތުން ތަފާތު ތަކެއް ހުރިކަމުގައިވިޔަސް، ބޫޓާނަކީވެސް މޫސުމަށް އަންނަ ބަދަލުތަކަށް ވަރަށް ނާޒުކު ޤައުމެއްކަމަށާއި، މިހާރުވެސް މިކަމުގެ ނުރައްކާތައް ތަޖުރިބާ ކުރަމުންދާ ޤައުމެއްކަން ބޫޓާނުގެ ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، މިދިއަ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖޭގައި ބޭއްވެވި ކަނޑުއަޑީގެ ކެބިނެޓް މީޓިންގެ ފުރިހަމަކަމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކަށް އެކަށީގެންވާ ޙައްލެއް ނުގެނެވިއްޖެނަމަ، މިކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާނެ ނުރައްކަލުގެ ހަޤީޤީ މަންޒަރެއް މި ޙަރަކާތުން ދުނިޔެއަށް ހާމަކޮށްދިން ކަމުގައިގައި ވިދާޅުވިއެވެ.

ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ރައީސުލްޖުމްހޫރިއްޔާ އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ރާއްޖޭގައި ޑިމޮކްރަސީ އަށަގަންނަވާ ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ބޮޑުވަޒީރު ތިންލޭ މަރުޙަބާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާއަކީ ސާކަށް ލިބިގެންދިޔަ ވަރަށް މުހިންމު ބޭފުޅެއްކަމަށާއި، އަދި އެމަނިކުފާނަކީ ސާކު އިތުރަށް ކުރިއަރުވާ ފުރިހަމަ ކުރެއްވުމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ބާރެއްކަމުގައި ވިދާޅުވިއެވެ.

އަދި ބޫޓާނުގައި ސާކް ސަމިޓް ބޭއްވުމަކީ އެޤައުމަށް ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށާއި، އެ ޤައުމަށް މި އަހަރުގެ ސާކް ސަމިޓް ބޭއްވުމުގެ މަގުފަހިކޮށްދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޫޓާނުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ވަފުދުގެ ބޭފުޅުންނަށް ވިދާޅުވި ހޫނު މަރުޙަބާއާއި ދެއްވަމުން ގެންދަވާ މެހްމާންދާރީއަށްޓަކައި ބޫޓާނު ސަރުކާރަށާއި، ރައްޔިތުންނަށް ޝުކުރު އަދާކުރެއްވިއެވެ.